Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ރިއަލް ތަށި އުފުލާލައިފި ނަމަ މަލަގާ އަށް އެއް މިލިއަން ޔޫރޯ!

ސްޕެނިޝް ލަލީގާގެ ފަހު މެޗުގައި ރިއަލް މެޑްރިޑާއި މަލަގާ ބައްދަލު ކުރާ މެޗުން މަލަގާ ބަލިވެ ރިއަލް ތަށި އުފުލާލައިފި ނަމަ 1 މިލިއަން ޔޫރޯ ރިއަލް މެޑްރިޑުން މަލަގާއަށް ދޭން ޖެހޭނެ އެވެ.

ރިއަލްގެ ތަރި އިސްކޯ، 2013 ވަނަ އަހަރު މަލަގާއިން ރިއަލްއަށް ބަދަލުވިއިރު 27 މިލިއަން ޔޫރޯގެ އިތުރުން މަލަގާ ވަނީ 3 މިލިއަން ޔޫރޯއަށް ޑިމާންޑުކޮށްފައެވެ. އެގޮތުން އިސްކޯ ރިއަލްއާއި ގުޅުމަށްފަހު ފުރަތަމަ ފަސް އަހަރު ތެރޭގައި ރިއަލް އިން ލީގު ނަގައިފިނަމަ ކޮންމެ ތަށްޓަކާއެކު 1 މިލިއަން ޔޫރޯ މަލަގާއަށް ދިނުމަށް ކޮންޓްރެކްޓުގައި ހުށައަޅާފައިވެއެވެ.

ރިއަލް އިން މަލަގާގެ ޑިމާންޑު ގަބޫލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު ފާއިތުވި ތިން ސީޒަނުގައިވެސް ލީގު ނެގިފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގު ދެފަހަރު ނެގި ނަމަވެސް ދެޓީމުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ލިޔެފައިވަނީ ލީގުގެ ވާހަކައެވެ.

ރޭ ސެލްޓަ ވީގޯ 1-4 އިން ބަލިކުރުމަށްފަހު ރިއަލް އަށް ބޭނުންވަނީ މިސީޒަނުގެ ތަށި އުފުލާލުމަށް އެންމެ ޕޮއިންޓެކެވެ. މަލަގާ މެޗުން އެއްވަރުވިޔަސް ރިއަލްއަށް ތަށި ލިބޭނެއެވެ. އަދި މަލަގާއަށް އެއް މިލިއަން ޔޫރޯ ލިބޭނެއެވެ.