Last Updated: June 23, 20:16
Tuesday, June 23, 2026
ދުނިޔެ

މެކްރޮންގެ ކެބިނެޓްގައި 11 ކަނބަލުންނާއި 11 ފިރިހެނުން

ފްރާންސުގެ އާ ރައީސް އެމަނުއެލް މެކްރޮންގެ ކެބިނެޓު އިއުލާންކުރިއިރު ކެމްޕޭނުގައި ވައުދުވީ ގޮތަށް 11 އަންހެނުންނާއި 11 ފިރިހެނުން އައްޔަންކޮށްފިއެވެ.

ވޯޓުލީ މީހުންގެ %65.1 އާއެކު ރައީސް ކަމަށް ހޮވިވަޑައިގަތް މެކްރޮން ވަނީ ފްރާންސުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައެވެ.

މެކްރޮން އިންތިޚާބުވި ދުވަހު މުޅި ދުނިޔެއާއި މުޚާތަބުކޮށް ދެއްވި ޚިތޯބުގައި ބުނެފައިވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުން، ޚާއްސަކޮށް ރެފިއުޖީންނަށް ފްރާންސުން މަރުހަބާ ކިޔާނެކަމަށެވެ. މެކްރޮން މިހެން ބުނެފައިވަނީ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވެގެން އެގައުމުގެ ބޯޑަރު ރެފިއުޖީންނަށް ބަންދުކުރުމާއި ގުޅިގެންނެވެ.

ފުރަތަމަ ޚިތޯބާއެކު ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި މެކްރޮންގެ މަގުބޫލުކަން އިތުރުވެގެން ދިޔައީ ކެމްޕޭނުގައި ވައުދުވި ގޮތަށް ކެބިނެޓުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަ ކުރުމުންނެވެ.

ކުރީގެ ރައީސްގެ ކެބިނެޓުގެ ބައެއް ވަޒީރުންވެސް މެކްރޮންގެ ވަޒީރުންނަށް އައްޔަން ކޮށްފައިވާއިރު މުޅިން އަލަށް ވަޒީރުކަމަށް އައްޔަން ކުރެވުނު ސިޔާސީ ބޭފުޅުންވެސް ކެބިނެޓުގައި ހިމެނެއެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު ލެ ޑްރިއަން ވަނީ މިހާރުގެ ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކޮށްފައެވެ. މެކްރޮންގެ ކުޅިވަރު މިނިސްޓަރަކަށް އައްޔަން ކޮށްފައިވަނީ އޮލިމްޕިކް ޗެމްޕިއަނެއް ކަމަށްވާ ލޯރާ ފެސެލްއެވެ. އަދި ކުރީގެ ލިޔޯންގެ މޭޔާރ، ކޮލޮމްބް ވަނީ ފުލުހުންނާއި ހަވާލުވެފައެވެ.