އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން ލެސްޓާ ސިޓީއާއި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު 1-6 ގެ ބޮޑު ތަފާތަކުން ސްޕާސް ކާމިޔާބުކޮށްފިއެވެ.
މިމެޗުގައި ޓޮޓެންހަމްގެ އިތުބާރު ފޯވާޑް، ހެރީ ކޭން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އޭނާގެ އިތުރުން މެޗުގައި ލަނޑު ޖަހާފައިވަނީ ދެކުނު ކޮރެއާގެ ހިއު-މިންގް ސޮންއެވެ.
ކޭން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 25 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވަނީ ސޮން ޖަހާދިން ގޯލަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު 0-2 އިން ސްޕާސް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފު ފެށިގެން ލެސްޓާ ވަނީ މާގިނައިރުތަކެއް ނުވެ ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަދެފައެވެ. ނަމަވެސް ސްޕާސް އިން މެޗު ކޮންޓްރޯލް ކުރުމަށް އިތުރު ލަނޑެއް ޖެހުމަށް ނެގީ އެންމެ ހަތަރު މިނެޓެވެ. ސްޕާސްގެ ތިންވަނަ ގޯލުވެސް ޖަހާފައިވަނީ ހެރީ ކޭންއެވެ.
ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖެހީ އަނެއްކާވެސް ސޮންއެވެ. ކޭން އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗު ނިމެން އެންމެ ދެމިނެޓަށް ވެފައިވަނިކޮށެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ކޭން ވަނީ އޭނާގެ ހަތަރު ވަނަ ލަނޑުވެސް ރިކޯޑުކޮށްފައެވެ.
މިރޭގެ ހަތަރު ގޯލާއެކު ކޭން ވަނީ ޕްރިމިއާ ލީގު ޓޮޕް ސްކޯރާގެ މަގާމަށް 26 ގޯލާއެކު ޖެހިލާފައެވެ. ދެވަނައިގައި އޮތް ލުކާކޫ ޖަހާފައިވަނީ 24 ގޯލެވެ. ޓޮޓެންހަމް ދެން ކުޅެން ޖެހެނީ ހަލް ސިޓީއާއި ދެކޮޅަށެވެ. ނަމަވެސް ލުކާކޫ ނިކުންނަން ޖެހެނީ އެވަޓަންއާއި ދެކޮޅަށެވެ.