Last Updated: June 11, 21:26
Thursday, June 11, 2026
މުނިފޫހިފިލުވުން

"ހެޕީ ނިއު ޔެއާ" ގެ ތަރިން ހަމަކުރުން ބޮޑު ގޮންޖެހުމަކަށް!

ކާމިޔާބް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ފަރަހް ހާންގެ އާ ފިލްމް "ހެޕީ ނިއު ޔެއާ" ގެ އެކްޓަރުން ހަމަޖެއްސުމުގައި ބޮޑު ގޮންޖެހުންމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޝާހް ރުކް ހާނާ އެކު "މޭ ހޫނާ" އަދި "އޯމް ޝާންތީ އޯމް" ފަދަ ކާމިޔާބް ފިލްމްތައް ގެނެސް ދީފައިވާ ފަރަހްގެ އާ ފިލްމްގެ މެއިން ލީޑަށް ހަތަރު އެކްޓަރުން ބޭނުންވެ އެވެ.

އެގޮތުން ޝާހް އާއި އަބީޝެކް ބައްޗަން ފިލްމަށް ސޮއިކޮށްފައިވާ އިރު ދާދި ފަހުން "ހެޕީ ނިއު ޔެއާ" އަށް ރާނީ މުކަރްޖީ އާ އެކު "އައްޔާ" އިން ފެނުނު ސައުތު އެކްޓަރު ޕްރިތިވްރާޖް ވަނީ ސޮއިކޮށްފަ އެވެ.

އެހެން ނަމަވެސް ފިލްމްގެ ހަތަރު ވަނަ ބަތަލު ހޯދޭ ގޮތެއް ނުވެ އެވެ. މީގެ ކުރިން މި ފިލްމް ޖޯން އަބްރަހަމް އަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް ތާރީހުގެ މައްސަލަތަކާ ހެދި އޭނާ އަށް އެ ފިލްމްގައި މަސައްކަތް ކުރާނެ ފުރުސަތެއް ލިބޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން ފަރަހް ވަނީ "ސްލަމްޑޮގް މިލިއަނާ" އިން ފެނިގެން ދިޔަ ދޭވް ޕަޓޭލް އަށް ވެސް "ހެޕީ ނިއު ޔެއާ" އޮފާކޮށްފަ އެވެ.

އެހެން ނަމަވެސް ކޮމާޝަލް ފިލްމްތައް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ ދޭވް ވެސް ވަނީ ފަރަހް ހުށަހެޅި ފުރުސަތު ބޮލާލައި ޖަހާފަ އެވެ. އޭގެ ފަހުން "ވިކީ ޑޯނާ" އިން ވިލާދި އަޔޫޝްމަން ކުރާނާގެ ކައިރިއަށް ދިއުމުން އޭނާ ވަނީ މަލްޓި ސްޓާރާއެއްގައި ހަރަކާތްތެރި ވާން ބޭނުން ނޫން ކަމަށް ބުނެ ފުރުސަތު ދޫކޮށްލާފަ އެވެ.

އެހެންވެ ފަރަހް އަށް ވަނީ ފިލްމްގެ އެކްޓަރުން ހަމަ ކުރުމަށް އަތްފުނާ އަޅަން ޖެހިފަ އެވެ. "ހެޕީ ނިއު ޔެއަ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ޝާހް މިހާރު ކުޅެމުން އަންނަ "ޗެންނާއީ އެކްސްޕްރެސް" ގެ މަަަސައްކަތް ނިމުމުންނެވެ.

އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅުނު "ތީސް މާރްހާން" އަށް ފަހު ފަރަހް ޑައިރެކްޓް ކުރާ "ހެޕީ ނިއު ޔެއަ" އަށް އަދި ބަތަލާ އެކު ވެސް ހަމައެއް ނުޖެހެ އެވެ.