ބުދަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ބޮޑު ގެއްލުން ލިބުނު 12 ގޭގެ ތެރެއިން ފުރާޅު އެއްލާލާފައިވާ ގެތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ ހާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އައްޑޫއަށް ޒިޔާރަށްކުރި ވަފްދު ހިތަދޫގެ ގެއްލުން ލިބުނު ގެތަކުގެ މައުލޫމާތު އޮޅުން ފިލުވުމަށްފަހު މަސައްކަތް ފެށިފައިވަނީ ރޭ 8 ޖެހި ފަހުންނެވެ.
ބުދަ ދުވަހުގެ ރޭ 10:05 ގައި ނަގޫ ރޯޅީ އަރައި ގެއްލުން ލިބުނު ފަހުން އިއްޔެ މުޅިންވެސް އޮތީ އެކި މުވައްސަސާ ތަކުން އެގެތަކަށް ގޮސް މައުލޫމާތު އެއްކުރުމެވެ. އެގޮތުން ތަފާތު މުވައްސަސާތަކުން އިއްޔެ ހަވީރުވަންދެން އެ ގެތަކަށް ގޮސް މައުލޫމާތު ހޯދިއެވެ. މައުލޫމާތު ނެގި ތަން ތަނުގެ ތެރޭގައި ހައުސިން މިނިސްޓްރީ، އައްޑޫ ސިޓީ ކައުންސިލް، އެމްއެންޑީއެފް، ޕޮލިސް، ފެނަކަ، ރެޑް ކްރެސެންޓް ހިމެނެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްގެ ވަފްދު ހިތަދޫ އަށް އިއްޔެ ހަވީރު ވަޑައިގެން ގެއްލުން ލިބުނު ގެތައް ބައްލަވާ ލެއްވުމަށް ފަހު ވަގުތުން ޓާސްކް ފޯސް އުފައްދަވައި އެކި މުވައްސަސާތަކުގެ އެހީގައި ފުރާޅު އެއްލާލާފައިވާ ގެތައް މަރާމާތު ކުރަން ވީހާވެސް އަވަހަކަށް ފެއްޓުމަށް އެދިވަޑައިގެންނެވިއެވެ.
އެގޮތުން އެމްއެންޑީއެފް އާއި އެމްއާރްޑީސީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ތިން ގެއެއް ހެދުމުގެ މަސައްކަތް ފެށިއެވެ.
ނަގޫރޯޅި އަރައި ފުރާޅު އެއްލާލި ހިތަދޫ ސަންރީފް ގޭގެ ފުރާޅު ރޭ ފަތިސްވި އިރު ވަނީ ނިންމާލާފައެވެ. އަދި ރެއިން ފެށިގެން ހިތަދޫ ތޯތާ ޕަރީގެ އާގެ ޓިނު ފުރާޅު ޖެހުމުގެ މަސައްކަތް އެމްޕީއެލް އާއި ޕޮލިހުން ގުޅިގެން ދަނީ ކުރަމުންނެވެ.
ތޯތާޕަރީގެއާގެ ކުރިމަތީގައި ހުންނަ އާޝާމް ގޭގެ ފުރާޅުވެސްވަނީ އެ ހާދިސާގައި އުކާލާފައެވެ. އާޝާމް ގެއިން ވާހަކަ ދެއްކި މޫސާ އަހްމަދު ބުނީ އެގޭގެ ފުރާޅު ޖެހުމުގެ މަސައްކަތް ތޯތާޕަރީގެ އާގެ ފުރާޅު ޖަހައި ނިމުމުން ފަށާނެކަމަށް އަންގާފައިވާ ކަމަށެވެ. އާޝާމް ގޭގެވެސް ހިފައި ގެންގުޅޭ ހުރިހާ ސާމާނެއް ވަނީ ހަލާކުވެފައެވެ.
ހިތަދޫ ސަންރައިސްގެ އާގެ ފުރާޅު ޖެހުމުގެ މަސައްކަތް އެމްއާރްޑީސީން ގެންދަނީ ކުރަމުންނެވެ.
މި ބޮޑު ކާރިސާ އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޯޑިނޭޝަން މައްސަލަ ހުރިކަން ފާހަގަކުރެވެއެވެ. އަދި އެހީތެރިކަން ފޯރުކޮށްދެވޭ ސްޕީޑްވެސް ލަސްކަން ފާހަކަ ކުރެވެއެވެ.
މިހާދިސާގައި 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު ޖުމްލަ 29 ގެއަކަށް ވަނީ މި ނަގޫރޯޅީގެ އަސަރުކޮށްފައެވެ.