މިދިޔަ އަންގާރަ ދުވަހު މާލެ އަތޮޅު ތުލުސްދޫ އިން ލ. ގަމަށް ދަތުރުކުރި ކޮޅުވެއްޓީގެ ޚަބަރެއް އަދިވެސް ވެފައިނުވާއިރު އޭގައި ދަތުރުކުރި ދެ ދިވެހިންނަކީ ވިލުފުށީ ދެމަފިރިން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "މާރިޔާ-3" ކޮޅުވެއްޓީގައި ދަތުރުކުރި ދިވެހީންނަކީ ބޯޓުގެ ކެޕްޓަން، ތ. ވިލުފުށީ ފިނިހިޔާގެ، އާދަމް ނަޢީމްއާއި އޭނާގެ އަންހެނުން ޒުލޭޚާ އުސްމާނެވެ.
އެނގިފައިވާ ގޮތުގައި ނައީމް ދިޔައީ ގަމަށް ކުރި ދަތުރުގައި މާލޭގައި ހުރި އޭނާގެ އަންހެނުން، ޒުލޭޚާ ވިލިފުއްޓަށް ގެންދިއުމަށެވެ. އަންގާރަ ދުވަހު ކ. ތުލުސްދޫއިން ދަތުރަށް ފުރުމަށްފަހު އެންމެ ފަހުން އެ ކޮޅުވެއްޓީގެ ޚަބަރެއްވެފައިވަނީ އެރޭ 9:30 އެހާކަށްހާއިރެވެ.
މި ކޮޅުވެއްޓިއަކީ އޭގެ ހަލްގައި ފެހި ކުލައިގެ ދަވާދު ލާފައި ހުރި ކޮޅުވެއްޓިއެކެވެ. ދިގުމިނުގައި 168 ފޫޓު ހުރި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ވީލްހައުސްއާ އެކު މަތީގައި ލާފައި ހުރީ ރަތް ދަވާދެވެ.
އެމްއެންޑީއެފް އިން ވަނީ މިކޮޅުވެއްޓިއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ލަސް ނުކުރައްވައި އެމައުލޫމާތެއް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ. ވިލުފުށީ ދެމަފިރިންގެ އިތުރުން ހަތަރު ބިދޭސީންވެސް ވަނީ މިކޮޅުވެއްޓީގައި ދަތުރަށް ފުރާފައެވެ.