ބުދަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް ރޯދައިގެ ކުރިން އާންމު ދިރިއުޅުމަށް ރުޖޫއަވެވޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދެއްވައިފި އެވެ.
ހިތަދު އަށް އެރި ނަގޫރޯޅީގެ ސަބަބުން ރައީސުލް ޖުމުހޫރިއްޔާ އެކުލަވާލި ޚާއްސަ ޓީމުގައި އިސްކޮށް ހުންނެވި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާއި ޓީމު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އަސަރުކުރި އާއިލާތަކާއި ބައްދަލުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ލިބުނު ގެއްލުންތައް ދިރާސާކޮށް ރިޕޯޓެއް މިހާރު ވަނީ ތައްޔާރުކޮށްފައި ކަމަށެވެ. އަދި އާންމު ހާލަތަށް އާދެވުނުހާ އަވަހަކަށް ސަރުކާރުން ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ގެއްލުން ލިބުނު ތިން ގެއެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު ހުރިހާ އާއިލާތަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އާންމު ދިރިއުޅުމަށް ރުޖޫއަކޮށްދެވޭނެ ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. ނަގޫރޯޅީގައި ހިތަދޫގެ 19 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު 13 ގެއެއްގެ ފުރާޅު އެއްލައި ދިރިނޫޅެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
އަދި ހިތަދޫގައި ހުންނަ އައިލެންޑް ބުކްޝޮޕްގެ ފުރާޅު އެއްލާލައި ފިހާރާގައި ގެންގުޅުނު މުދަލަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ލިންކް ރޯޑުގައި ހުންނަ ސެލިންކޯ އިންޝޫރެންސް އޮފީހުގެ ފުރާޅުވެސް ނަގޫރޯޅީގައި އެއްލާލައި އެއޮފީހަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.