Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެޗްއާރްއެޗްގެ ދަތިތައް ހެލްތާ ހިއްސާކޮށްފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގުމުގައި ދިމާވާ ދަތިތައް މިނިސްޓްރީ އޮފް ހެލްތާއި ހިއްސާކޮށް މައްސަލަތައް ހައްލުކުރުމަށް މިއަދު މަޝްވަރަށްކޮށްފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ ދައުވަތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މާލެ ގޮސްފައިވަނީ ކޮމިއުނިޓީ ހެލްތް އޮފިސަރ، މުހައްމަދު ޖަމީލްއެވެ. އޭނާގެ އިތުރުން މިބައްދަލުވުމުގައި ހޮސްޕިޓަލުގެ ވެރިޔާ، އަބްދުﷲ ޖަމީލްގެ ދަށުން ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެގެން ހުރި ނަޖީބްވެސް ވަނީ ބައިވެރިވެފައެވެ.

ނަޖީބު ވިދާޅުވެފައިވަނީ ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ ވަރަށް ގިނަ އިޝޫޒްތައް ވަނީ މިނިސްޓްރީއާއި ހިއްސާ ކުރެވިފައިކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ވާހަކަވެސް ބައްދަލުވުމުގައި ދެކެވުނު ކަމަށް ނަޖީބް ވިދާޅުވެފައިވެއެވެ.

މައްސަލަތަކުގެ ތަފްސީލެއް ނަޖީބުގެ ފަރާތުން ލިބިފައިނުވިނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގައި ޑޮކްޓަރެއް ނެތުމުން ދާދި ފަހުންވެސް އޯޕީޑީ ބަންދުކޮށް ބަލިމީހުންނަށް ގިނަގުނަ ދަތިތަކެއް ދިމާވެފައިވެއެވެ. އަދި ރާއްޖޭގައި ނުރައްކާތެރި ސްވައިން ފްލޫ ވަރަށް ބޮޑަށް ފެތުރިގެންދިޔަ ދަނޑިވަޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ނެތިއެވެ.