ކުރީގެ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމްއަށް ރައްކާތެރިކަމާއި އިހްތިރާމް އެންމެ މަތީ ދަރަޖާގައި ދިވެހި ރައްޔިތުން ދޭނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންއަށް ރައީސް ޔާމީންގެ ހިމާޔަތް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް ރައީސް މައުމޫންއަށް އިހްތިރާމް އަދާކޮށް އެމަނިކުފާން ހިމާޔަތް ކުރައްވާނެކަމަށެވެ.
Raees @maumoonagayoom ah rakkatherikama ihthiram abadhuves dhivehi Rayyithun emme mathee dharajaiga dhevvane. #respectourleaders pic.twitter.com/zaXlxM5S5n
— Faisal Naseem (@FaisalNasym) May 18, 2017
ރައީސް މައުމޫންއަށް ރައީސް ޔާމީންގެ ހިމާޔަތް ލިބޭނެކަމަށް ވިދާޅުވުމާއި ގުޅިގެން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަކީ ވަކި ބޭފުޅަކު ހެޔޮކަމުން ކުރައްވަންޖެހޭކަމެއް ނޫންކަމަށެވެ.
ޔުމްނާ ވިދާޅުވީ ކުރީގެ ރައީސުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކަކީ، ގާނޫނީގޮތުން ލިބިދޭންޖެހޭ ހައްގެއްކަމަށެވެ. އަދި އެއީ ވަކި ބޭފުޅަކު ދެއްވާ އެއްޗެއް ނޫންކަމަށް ވިދާޅުވެ ޔުމްނާ ވަނީ ޒަމީރުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ރައީސް މައުމޫންއަށް ހިމާޔަތް ލިބިވަޑައިގަންނަވާނެކަމަށް ޒަމީރު ވިދާޅުވި ވިދާޅުވުމަށް އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ވިދާޅުވަމުންނެވެ.