Last Updated: July 27, 10:52
Monday, July 27, 2026
ރިޕޯޓް

ސަރުކާރުން އައްޑޫ ކައުންސިލް ނުނިންދެވިގެން "ނާނާ" ކިޔަނީ

އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާއި އެކު އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އައްޑޫގައި ތިބި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ނިކުތެވެ. ރައްޔިތުން ސިފަކުރާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ވެސް ހިތަދޫގައި އެއްބައިވަންތަކަން މިފަދަ ގޮތަކަށް ފެނިގެން ދިޔަ ފުރަތަމަ ދުވަހެވެ.

ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށް، އެންމެ ގުޅިގެން ނިކުމެ ކުރި މަސައްކަތަށް ގިނަ ބަޔަކު ތަޢުރީފް ކުރިއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މެޑަލް ޖެހުން ކުރިއަށް ނެރޭ މަންޒަރު ފެންނަން ފަށައިފިއެވެ.

ޕީޕީއެމްގެ މަޖިިލިސް މެންބަރުންނާއި ކޯޑިނޭޓަރުންނަށް އައްޑޫ ސިޓީ ކައުންސިލް 'ނިދިން ނުހޭލައިގެން' އުނދަގޫ ވެގެން އެވާހަކަ ދައްކަމުން އެބަގެންދެއެވެ.

އެންމެ ފުރަތަމަ ވެސް ނިކުތީ ކައުންސިލަރުން

ބޯކޮށް ވެހެމުން ދިޔަ ވާރޭ ތެރޭގައި ނަގޫރޯޅި އަރައިގެން ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު ބެއްލެވުމަށް އެންމެ ފުރަތަމަ އެ ސަރަހައްދަށް ވަޑައިގެންނެވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް އާއި ހިތަދޫގެ ދެކުނު ދާއިރާގެ ކައުންސިލަރ ޔަސްރިފް އަދި މެދު ދާއިރާގެ ކައުންސިލަރ ހުސެން ހިލްމީއެވެ.

އެ ބޭފުޅުންނާއި އެކު މެދު ދާއިރާގެ ކައުންސިލަށް އަލަށް އިންތިހާބުވި ޖަމްޝީދާ މުހައްމަދު ވެސް ގެންދެވީ ވާރެއާއި ތެމިގެން ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު އޮޅުން ފިލުވާފައެވެ.

މީގެ އިތުރުން އައްޑޫގައި ހުރި ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޒުހައިރު އަކީ ވެސް ނަގޫރޯޅި އެރުމާއި އެކު އެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.

ނަގޫރޯޅީގެ ސަބަބުން ދިރިނޫޅެވޭ ވަރަށް ހަލާކުވި ގެތަކުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ، އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމެއް ލިބުނުތޯ ކަށަވަރުކުރުމަށް މޭޔަރ ސޯބެ އާއި ކައުންސިލަރުން އެރޭ ދަންވަރު ވެސް ގޭގެއަށް ހިންގެވިއެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޒުހައިރު ވެސް ކައުންސިލަރުންނާއި އެކު އެރޭ ގުޅިގެން މަސައްކަތް ކުރެއްވިއެވެ.

 

ޑިޒާސްޓަރ މެނޭޖްމަންޓްގެ ފޯކަލް ޕޮއިންޓަކަށް ކައުންސިލް

ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މައުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ފޮނުވުމުގެ މަސައްކަތް ކައުންސިލްގެ މުވައްޒަފުން ކުރަނީ. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ އޮފީހެއް ނެތުމާއި އެކު އައްޑޫގެ ހާލަތު ވަގުތުން ވަގުތަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ރިޕޯޓްކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަމުން ގެންގޮސްފައި ވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކާއި އެކު ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް މައި ސަރުކާރަށް ނެގިފައިވާއިރު، ކާރިސާއެއް ކުރިމަތިވާ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ މާލީ ވަސީލަތެއް ކައުންސިލަށް ލިބިފައެއް ނުވެއެވެ.

އެހެން ކަމުން ކައުންސިލަށް ކުރެވެން އޮތް ކަމަކީ، ޑިޒާސްޓާ މެނޭޖްމަންޓަށް ރިޕޯޓް ކުރުމެވެ. ސަރުކާރުގެ އިދާރާތަކަށް ރިޕޯޓް ކުރުމެވެ. އެކަން ކައުންސިލްގެ ފަރާތުން ބަރާބަރަށް ކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފާހަގަކުރައްވައެވެ.

ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް އޮޅުން ފިލުވުމަށް ޖެހިގެން އައި ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެކު ކައުންސިލަރުން ވެސް ވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ. އެބޭފުޅުންނާއި އެކު އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ވެސް ވަޑައިގެންނެވިއެވެ.

" ކައުންސިލުން ވަރަށް ފުރިހަމައަަށް ގެންދިޔައީ މައުލޫމާތު ފޮނުވަމުން. ވަރަށް ބޮޑު އެއްބާރުލުމެއް އަބަދުވެސް ލިބޭ . މީގެ ކުރިން އައްޑޫގައި ފެންބޮޑުވި ކާރިސާގައި ވެސް ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި." ޑިޒާސްޓަރ މެނޭޖްމަންޓްގެ އޮފިޝަލަކު ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، ރައްޔިތުންނަށް ކާރިސާއެއްގެ ސަބަބުން ނިކަމެތިކަން ލިބޭ ހިނދު އެކަން ވަކި މީހަކު ބޮލަށް ޖަހައިގެން މީގެ ކުރިން ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލަކުން ނުތިބޭނެއެވެ.

"ކައުންސިލުން ނިކުތީ މެޑަލް ޖަހާކަށް ނޫން. އަޅުގަނޑުމެންނަކީ މިރަށުގެ ރައްޔިތުންގެ ހާލު އެންމެ ރަގަޅަށް އެނގޭ މީހުން ކަމަށް ވާތީ. ވަކިބަޔަކު ކޮށްދޭތޯ މަޑުކުރުމެއް ނެތި. ކައުންސިލުގެ ފެންވަރުން ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރާނަން."

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ އޮފިޝަަލަކު ވިދާޅުވީ، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން ކެއްކޭނެ ގޮތެއް ނެތިފައި ތިބި ފަރާތްތަކަށް ކެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނީ "ކޮށައި ކުދިކުރެވިފައިވާ" އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓުން ކަމަށެވެ.

މޭޔަރ ސޯބެގެ ލީޑާޝިޕް ދެއްކެވި!

 

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އާއި އެކު ވަޑައިގެންނެވި ވަފުދަށް ސޯބެ މައުލޫމާތު ދެއްވަނީ.

ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކުގެ ހާލު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ރައީސް އޮފީހުގެ މިނިސްޓަރަކު ގުޅުއްވި ވާހަކަ މީޑިޔާތަކަށް ތިލަވެގެން ދިޔައީ، ސޯބެ އެވާހަކަ މީޑިޔާތަކުގައި ވިދާޅުވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ރައީސް ޔާމީން ގުޅުއްވި ވާހަކަ، ގެއްލުން ލިބުނު ފަރާތްތަކުގެ ގާތަށް ގޮސް ވިދާޅުވެ، ސަރުކާރުން ދެއްވި މެސެޖްތައް ސޯބެ ރައްދުކޮށްދެއްވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ޚާއްސަ ވަފުދެއް އައްޑޫއަށް ވަޑައިގަންނަވާނެ ވާހަކަ އާއި ސަރުކާރުން ގެއްލުން ލިބުނު އާއިލާތަކުގެ ހާލު ބައްލަވަމުން ގެންދަވާކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނެވެ. އެވާހަކަތައް ވެގެން ދިޔައީ ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީ އެއް ލިއްބައިދިން ކަމަކަށެވެ.

"އަޅުގަނޑުމެން ހިއެއް ނުކުރަން. އެމްޑީޕީ މީހަކަށް ވެ ހުރެ އޭނާ (މޭޔަރ ސޯބެ) އެގޮތަށް ރައީސް ހާލު ބެއްލެވި ވާހަކަ ވިދާޅުވާނެ ކަމަށް. ގުޅިގެން މަސައްކަތް ކުރައްވާކަމަށް ވިދާޅުވީމާ ވަރަށް އުފާވި." ހިތަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

 

ސަރުކާރުގެ އިދާރާތައް 'އިސްޓާޓް' ވެގަތީ ހަވީރު 4 ގެ ފަހުން!

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތްކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލު ބެއްލެވުމަށް ފޮނުއްވި ޓީމު އައްޑޫ ސިޓީއަށް ވަޑައިގަތީ ނަގޫރޯޅި އެރިތާ 18 ގަޑިއިރު ވާން އުޅެނިކޮށެވެ. އެ ޓީމު ވަޑައިގަތުމާއި ހަމައަށް އައްޑޫގައި ހުރި ސަރުކާރުގެ މުއައްސަސާތައް 'އިސްޓާޓު' ނުވެއެވެ.

އެމްއާރްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބޭފުޅުންގެ މެދުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހެއް ނެތުމުގެ ސަބަބުން މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

 

އެހެން ނަމަވެސް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވަޑައިގަތުމާއި އެކު "ފުލް ބެގީގައި" އައްޑޫގައި ތިއްބެވި ސިޔާސީ ވެރިން މަސައްކަތްތައް ނިކުންނެވިއެވެ.

މެޑަލް ޖަހަން މަސައްކަތް ކުރުން، ހާލުގައި ޖެހުނު ރައްޔިތުންނަށް ކުރެވޭ މަލާމާތެއް!

ނަގޫރޯޅީގެ ސަބަބުން 29 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 12 ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ. ގާތްގަނޑަކަށް 150 އެއްހާ މީހުން ހާލުގައި ޖެހިފައި ތިބި އިރު ސަރުކާރުގެ އެހީތެރިކަމާއި އެކު ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެ މަސައްކަތުގައި ސްޕީޑާއި މެދު އާންމުންގެ ޝަކުވާތައް ހުރި ނަމަވެސް، އެކަމުގައި އުޅުއްވާ ފަރާތްތަކުން ވިދާޅުވަނީ "މަސައްކަތް ކުރަމުން ގެންދަނީ، އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ކަމެއް ކުރުމަށް" ކަމަށެވެ.

ހިތާމައަކީ، ހާލުގައި ޖެހިފައިވާ ހުރިހާ ފަރާތްތަކެއް އާންމު ހާލަތަށް ގެނެވިފައި ނުވަނީސް، ސިޔާސީ ގޮތުން ޖަހާ ބޯޅައެއްގެ ގޮތުގައި ކައުންސިލަށް ކަންތައް ނުކުރެވެއޭ ވިދާޅުވެ ދައްކަވާ ވާހަކަތަކެވެ. އެކަމާއި ހާލުގައި ޖެހުނު ރައްޔިތުން ވެސް ހިތްހަމައެއް ނުޖެހެއެވެ.

"ކައުންސިލަކު ނެތް ބާރެއް. ބަޖެޓުގައި ހުރި ނަމަ އެހީދޭނެ. އެކަމާ ޝައްކެއް ނުކުރަން. ސިޔާސީ ޒުވާބު ނުކޮށް އަހަރުމެންނަށް އެހީތެރިކަން ދިނިއްޔާ މާ ހިތަށް ވެސް ފަސޭހަ. ކައުންސިލަރު ހުންނެވި އެރޭ (ނަގޫރޯޅި އެރި ރޭ) 3:30 ވީއިރުވެސް މިގޭގައި. މީހުން ނިދަން ޖެހިގެން ހުރި ގެއިން ހަމަޖެހުނީމަ އޭނާ ދިޔައީ."، ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއެއްގެ މީހަކު ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ބާރުތައް ކޮށާލެވިފައި ހުރި މިންވަރަށް ބަލާއިރު، ކައުންސިލުން ގެންދަނީ، ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބުރަ މަސައްކަތްތަކެއް އެބަކުރައްވައެވެ.

އެ މަސައްކަތްތައް ރައްޔިތުން ޝުކުރުވެރިކަމާއި އެކު ބަލައިގަންނަމުން ދާއިރު، ވަކި ބަޔަކު މަސައްކަތް ނުކުރެއޭ ތިމަންނާ ކުރެއޭ ވިދާޅުވުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެކެވެ. ކައުންސިލުގެ ބަޖެޓާއި ސަރުކާރުން ޚަރަދުކުރާ ފައިސާ އެއް ދައުލަތަށް ލިބެނީ ނިކަމެތި  ރައްޔިތުމީހާ ދައްކާ ޓެކްސް ފައިސާ ހިމަނައިގެންނެވެ.

އެ ފައިސާއިން ރައްޔިތުންނަށް އެހީވުމަކީ، ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އެކަމުގައި ތިމަންނާގެ ހެޔޮކަން ދައްކައި އަނެކަކުގެ ދެރަކަން ދައްކަން އުޅުމަށް ވުރެ މިވަގުތަށް ހިތަދޫގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުން ބޭނުން ވަނީ އަވަހަށް ދާއިމީ ހައްލެއް ލިބުމެއް ނޫނެވެ.