Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ކޮޅުވެއްޓި ހޯދުމުގައި އިންޑިޔާއިން ބައިވެރިވެއްޖެ

ދިވެހި ސިފައިންނާއެކު އިންޑިޔާ ސިފައިން: ފޮޓޯ-އެމްއެންޑީއެފް

މިދިޔަ އަންގާރު ދުވަހުއްސުރެން ގެއްލިގެން ހޯދަމުން އަންނަ ކޮޅުވެއްޓި ހޯދުމުގައި ދިވެހި ސިފައިންނާއެކު އިންޑިޔާ ސިފައިން ބައިވެރި ވާން ފަށައިފި އެވެ.

އިންޑިޔާ ނޭވީގެ މަތިންދާ ބޯޓަކާއި މަނަވަރެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. ކ. ތުލުސްދޫއިން ލ. ގަމަށް މިދިޔަ އަންގާރަ ދުވަހު ފުރި ކޮޅުވެއްޓީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ އެރޭ 9:30 ހާކަށްހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ދިވެހި ދެމަފިރިންނާއި ބިދޭސީ ހަތަރު މީހުންނާއެކު ފުރި މި ކޮޅުވެއްޓި ގެއްލިފައިވާކަން އެމްއެންޑީއެފްއިން ވަނީ އިންޑިޔާއަށް އިއްޔެ އަންގާފައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އިންޑިޔާގެ އިތުރުން ކޮޅުވެއްޓި ހޯދުމުގައި ލަންކާގެ އެހީތެރިކަންވެސް މިހާރު އަންނަނީ ލިބެމުންނެވެ.

މި ކޮޅުވެއްޓިއަކީ އޭގެ ހަލްގައި ފެހި ކުލައިގެ ދަވާދު ލާފައި ހުރި ކޮޅުވެއްޓިއެކެވެ. ދިގުމިނުގައި 168 ފޫޓު ހުރި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ވީލްހައުސްއާ އެކު މަތީގައި ލާފައި ހުރީ ރަތް ދަވާދެވެ.

އެމްއެންޑީއެފް އިން ވަނީ މިކޮޅުވެއްޓިއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ލަސް ނުކުރައްވައި އެމައުލޫމާތެއް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.