Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މިނިސްޓްރީން އަންގަންދެން 24 ގަޑިއިރު އެއްވެސް ކަމެއް ނުކުރޭ: ސޯބެ

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އާއި އެކު ވަޑައިގެންނެވި ވަފުދަށް ސޯބެ މައުލޫމާތު ދެއްވަނީ.

ބުދަ ދުވަހުގެރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް ފާޑުވިދާޅުވެއްޖެ އެވެ.

ސޯބެ ވިދާޅުވެފައިވަނީ ސަރުކާރުގެ އެންގުމަކާ ނުލާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. 24 ގަޑިއިރު ފާއިތުވެގެންދިޔަ އިރު ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުލިބުމަކީ ހިތާމަކުރާ ކަމެއް ކަމަށް ސޯބެ ވިދާޅުވިއެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކުން ރައްޔިތުންނަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ނަމަވެސް މިނިސްޓްރީއަކުން ލިބެން ޖެހޭ ހުއްދައެއް ނުުލިބި ލަސްވުމުގެ ސަބަބުން 24 ގަޑިއިރުވީއިރުވެސް ތިބެން ޖެހުނީ އެއްވެސް ކަމެއް ނުކޮށް ކަން ސޯބެ ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ބޮޑު ކާރިސާއެއް ދިމާވެ، ރައްޔިތުން ނިކަމެތި ހާލުގައި ދިރިއުޅެން މަޖުބޫރުވެފައިވާއިރުވެސް މަތީފަރާތުން އަންގަންދެން މަސައްކަތެއް ނުކޮށް ތިބެން ޖެހުމަކީ މިފަދަ ހާލަތްތަކުގައި ކަންކުރަންވީ ގޮތް ނޫން ކަމަށް ބުނެ ސޯބެ ވަނީ ކާރިސާގެ ހާލަތުގައި ސަރުކާރުގެ އަމަލުތައް ހުރި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ނަގޫރޯޅީގައި ހިތަދޫގެ 29 ގެއަކަށް އެކިވަރުގެ ގެއްލުން ވެފައިވާއިރު 13 ގެއެއްގެ ފުރާޅު އެއްލާލައި ވަގުތީ ބޯހިޔާވަހިކަން ހޯދަން އާއިލާތަކަށް ވަނީ މަޖުބޫރުވެފައެވެ. ސަރުކާރުން އެކުލަވާލި ޓީމުގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު ޝާޑު ވަނީ އެއްވެސް ރައްޔިތަކު އަމިއްލަ ޚަރަދެއް ކުރަން ނުޖެހި، ހުރިހާ ޚަރަދެއް ސަރުކާރުން ކޮށްދީ، ރައްޔިތުން އާންމު ހާލަތަށް ގެނެސްދޭނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ.