Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ކޮޅުވެއްޓި ރާއްޖޭން ބޭރުވެދާނެ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދާ "މާރިޔާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓި މާދަމާ ނުފެނިއްޖެ ނަމަ ރާއްޖޭގެ ކަނޑުން ބޭރުވާނެ ކަމަށް ކޯސްޓުގާޑުގެ ތަޖުރިބާކާރުން ލަފާކޮށްފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ކޮމާންޑަރ، ބްރިގޭޑިއާރ ޖެނެރަލް މުހައްމަދު އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވެފައި ވަނީ ކޮޅުވެއްޓި ފެނޭތޯ މިހާތަނަށް 10،800 ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށެވެ.

ބްރިގޭޑިއާ އިތުރަށް ވިދާޅުވެފައިވަނީ މާދަމާގެ އިރުއޮއްސުމާއި ހަމައަށް އުޅަނދު ނުފެނިއްޖެނަމަ މިހާރު ކަނޑުގެ ގަދަ މިނާއި ވައިގެ ގަދަ މިނަށް ބަލާފައި އުޅަނދު ރާއްޖެ ކަނޑުން ބޭރުވެ ސްރީ ލަންކާގެ ކަނޑަށް ވަނުން ގާތް ކަމަށެވެ.

އަދި މިހާރު ރާއްޖޭގައި ގައުމީ ދިފާއީ ބާރަށް ލިބެން ހުރި ވަސީލަތްތަކުން ބެލޭނެ އެންމެ ބޮޑު ސަރަހައްދު ކަމަށް ބްރިގޭޑިއާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ބޭރުގެ އެހީއާއިއެކުވެސް ގެއްލުނު ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އިންޖީނު ހުއްޓުނަސް އަދި އެހެން ކަމެއް ދިމާވިޔަސް ބެހިގެންދާ ނަމަ އަޅުގަނޑުމެން ގަބޫލުކުރަނީ މާދަމާގެ 18:00 އާއި 12 އާ ދެމެދު ރާއްޖޭގައި މިހާރު ބެލެންހުރި ވަސީލަތްތަކުން ބެލެން ހުރި ސަރަހައްދުން، މަތިންދާބޯޓުން ވެސް ބެލޭނެ ސަރަހައްދުން އެ މީހުން ނިކުމެގެން ހިނގައިދާނެ ކަމަށް. މިހާރުއްސުރެން ވެސް އަޅުގަނޑުމެން ވާނީ އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާގެ އަށް ވެސް މި މައުލޫމާތު ފޯރުކޮށްދީފައި،"

ބްރިގޭޑިއާ ވިދާޅުވީ އުޅަނދު ހޯދުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޚަބަރެއް ނުވާ ވާހަކަ ރިޕޯޓުކުރުން ލަސްވުމެވެ. ކަނޑުދަތުރު ކުރާއިރު އެގޮތަށް ޚަބަރެއް ނުވާނަމަ އެމްއެންޑީއެފްއަށް ވީހާވެސް އަވަހަށް އެންގުމަށް މުހައްމަދު ވަނީ އިލްތިމާސްކޮށްފައެވެ. "މާރިޔާ-3" ކޮޅުވެއްޓީގެ ޚަބަރެއް ނުވާ ކަމަށް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ 48 ގަޑިއިރުވިފަހުންނެވެ.

އުޅަނދު ހޯދުމަށް އިންޑިޔާގެ އަސްކަރީ މަނަވަރަކާއި މަތިންދާބޯޓެއްވެސް ވަނީ ރާއްޖެ ސިފައިންނާއެކު އޮޕަރޭޝަނުގައި ބައިވެރިވެފައެވެ. އަދި ލަންކާގެ އެހީތެރިކަންވެސް އުޅަނދު ހޯދުމަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.