Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

"އައްޑޫ ލައިވް" ނޫސް ބަޔާން

ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކަށް ރޭ ދިން ރަހުމު ކުޑަ، ލާއިންސާނީ އަނިޔާވެރި ހަމަލާ "އައްޑޫ ލައިވް"އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި ރޭ އެމްޑީޕީގެ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި އެމްބީސީގެ ދެ ނޫސްވެރިއެއްގެ ގަޔަށް ތިނަރު ޖެހި މައްސަލަ ވެސް "އައްޑޫ ލައިވް" އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

މިހާރަކަށް އައިސް ނޫސްވެރިންނަށާއި މީޑިއާ ގެ ބައެއް ފަރާތަކަށް ބިރުދައްކައި އެފަރާތަކަށް ތަފާތު ހަމަލާ ދިނުމަށް ހިތްވަރު ދެމުން އަންނަކަން ވަނީ ފާހަނގަ ކުރެވިފަ އެެވެ. އަދި މީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކުރި ކަމެއްކަމުގައި ވިޔަސް ވަރަށް ދަށުދަރަަޖައިގެ ފިނޑި އަމަލެއް ކަމަށް "އައްޑޫ ލައިވް" އިން ދެކެއެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ މިނިވަން ނޫސްވެރިކަން ނައްތާލައި ނޫސްވެރިކަން ކުރާ ފަރާތްތަށް ފަހަތަށް ޖައްސައި ނޫސްވެރިންގެ ވާޖިބްތަކަށް ހުރަސް އަޅައި އެފަދަ ބިރުވެރި މާހައުލެއް ގާއިމް ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ދެކެމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ލިބި ދީފައި އޮތް ހިނދު، ނޫސްވެރިންނަށް ދެވޭ މިފަދަ ހަމަލާތަށް ހުއްޓުވައި ފިޔަވަޅު އެޅުމަކީ، ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކާއި މީޑިއާގެ ބެލެނިވެރި ފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމުގައި "އައްޑޫ ލައިވް" އިން ދެކެމެވެ.

އަދި ރޭގައި މި ދިން ހަމަލާތައް ތަހުގީގުކޮށް، އެ ހަމަލާތައް ރާވައި، ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅުތައް އެ ފަރާތްތަކާ މެދު އެޅުމަށް ވެސް "އައްޑޫ ލައިވް" އިން ގޮވާލަމެވެ. އަދި ނޫސްވެރިންނަށް އަމާން ވެއްޓެއް ގާއިމް ކޮށްދިނުމަށް މީޑިއާގެ ބެލެނިވެރިފަރާތް ތަކަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ހަރު އަޑުން ގޮވާލަމެވެ.