މިދިޔަ ބުދަ ދުވަހުން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ކޮޅުވެއްޓި އޭގެއިން ދަތުރު ކުރަމުން ދިޔަ ހަ މީހުންނާ އެކު ފެނިއްޖެ އެވެ.
"މާރިޔާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި ފެނިފައިވަނީ ލ. އިސްދޫމުލީ 130 ނޮޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި ފެނިފައި ވަނީ އެ އުޅަނދު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ނޭވީ ހެލިކެޕްޓަރު ކަމަށެވެ.
އަދި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ މަނަވަރެއް ހަރަކާތްތެރިވަމުން އަންނަ އިރު އެ ސަރަހައްދުގެ މޫސުން ވަރަށް ގޯސްކަމަށެވެ.
ވިލުފުށީ ދެމަފިރިންނާއި އޭގައި ތިބި ބިދޭސީ ހަތަރު މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މާރިޔާ 3 ގެއްލިގެން ހޯދަން އެމްއެންޑީއެފްއިން ފަށާފައިވަނީ އޭގެ ވެރިފަރާތުން ބުދަ ދުވަހު އެންގުމާއި ގުޅިގެންނެވެ.
މި އުޅަނދު ހޯދުމުގެ މަސައްކަތުގައި އަވައްޓެރި އިންޑީއާ އާޢި ލަންކާއިން އެހީތެރިވެދީފައިވެއެވެ.