Last Updated: June 23, 20:16
Tuesday, June 23, 2026
ކުޅިވަރު

ލީގްގެ ފަހު ހަފުތާ، ގަދަ 4 ގައި ނިންމާނީ ކޮން ޓީމްތަކެއް؟

ޕްރިމިއާ ލީގްގެ މި ސީޒަނުގެ ޗެމްޕިއަންކަން ޗެލްސީން ނަގާފައިވާ އިރު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ދެވަނައިގައި ފައި ވިއްދާލައިފަ އެވެ.

މިއަދުގެ ބޮޑު ސުވާލަކީ ގަދަ 4 ގައި ނިންމާލާނީ ކޮން ޓީމެއްތޯ އެވެ؟

ލީގް ތާވަލުގެ ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. ފަހަތުގައި ލިވަޕޫލް އޮތީ 73 ޕޮއިންޓު ލިބިގެންނެވެ. އާސެނަލްއަށް ލިބިފައިވަނީ 72 ޕޮއިންޓެވެ.

ތިން ޓީމުގެ ތެރެއިން ފުރުސަތު އެންމެ ބޮޑީ ސިޓީއަށެވެ. ފުރުސަތު އެންމެ ހަނިވެފައި އޮތީ ވެންގާ މެނޭޖަރުކަމާއި ހަވާލުވިފަހުން ހުރިހާ ސީޒަނެއްގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ އާސެނަލްއަށެވެ.

ސިޓީއަށް 75 ޕޮއިންޓު ލިބިފައިވާއިރު ގޯލުގެ ތަފާތުންވެސް ކުރީގައި އުޅެނީ ސިޓީއެވެ. ގޯލުގެ ތަފާތު 36 ގޯލު ސިޓީއަށް ލިބިފައިވާއިރު ލިވަޕޫލްއަށް 33 އަދި އާސެނަލްއަށް ލިބިފައިވަނީ 31 އެވެ.

ސިޓީއާއި ވަޓްފޯޑް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ކަަށަވަރުވާނެއެވެ. ސިޓީ މެޗު އެއްވަރުވިޔަސް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.

ލިވަޕޫލް މޮޅުވެ ސިޓީ ބަލިވެއްޖެނަމަ ލިވަޕޫލްއަށް ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުވާނެއެވެ. ނަމަވެސް ލިވަޕޫލް މޮޅުނުވެ، އާސެނަލް މޮޅުވެއްޖެނަމަ ލިވަޕޫލް ކުޅެން ޖެހޭނީ އަންނަ ސީޒަނުގައި ޔޫރޮޕާ ލީގުގައެވެ.