އައްޑޫ ސިޓީ ކައުންސިލޭ ކިޔާފައި މިހާރުގެ ސަރުކާރުން އަނގަ ހުޅުވަން ވެސް ލަދު ގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫ ރޯޅީގައި ގެއްލުން ލިބުނު ގެތަކަށް އެހީވުމުގައި އައްޑޫ ސިޓީ ކައުންސިލް އޮތީ ނުކުޅެދިފައި ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވުމާ ގުޅިގެން ރޮޒޭ ވިދާޅުވީ ބަޖެޓް ނުދީ ސަރުކާރުން ޖެއްސުން ކުރާ އިރު ވެސް ކައުންސިލުން ނިކުމެ ރައްޔިތުންނަށް އެހީވި ކަމަށެވެ.
ނަގޫރޯޅި އެރިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އާއި ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް އަދި މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީގެ އިތުރުން އެ ދާއިރާއަށް އަލަށް އިންތިހާބުވި ޖަމްޝީދާ މުހައްމަދު ވަނީ ބޯ ވިއްސާރައިގައި ނިކުމެ ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތް ކޮށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވައިފަ އެވެ.
އެ މަސައްކަތުގައި އައްޑޫ ކައުންސިލް މަސައްކަތް ކުރަމުން ދަނިކޮށް ހިތަދު އަށް ނިސްބަތްވާ ކޯޑިނޭޓަރަކު ވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ނިދާފައި ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.
ނަގޫރޯޅީގައި ގެއްލުންވި ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެމުން ދަނިކޮށް ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ހަލީލް ވިދާޅުވީ ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމުގައި ކައުންސިލް އޮތީ ނިކުޅެދޭ ހާލެއްގައި ކަމަށާއި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަނީ ކައުންސިލް ބައިވެރިކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރޮޒޭ ވިދާޅުވީ ސަރުކާރަށް ލިބޭ ޓެކްސް ފައިސާގެ ބޮޑު ހިއްސާއަކީ އައްޑޫ ރައްޔިތުން ދޭ އެއްޗެއް ކަމަށާއި އެކަމަށް ވެސް ކިޔަންވީ "ޝުކުރިއްޔާ ދޯ" އެވެ.