Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

މުސްލިމުން ނުވެއްދި ޓްރަމްޕަށް ސައުދީން ރަން މެޑަލް!

އެމެރިކާގެ ރައީސް ކަމާއި ހަވާލުވެގެން މުސްލިމް އެތައް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވެއްދުން މަނާކުރި ރައީސަށް ސައުދީ ރަސްގެފާނު ރަން މެޑަލް އަރުވައިފިއެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ސައުދީއިން މިމެޑަލް ގަބޫލުކުރުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ވާދަކޮށް، ކުރި ކެމްޕޭނުގައި މުސްލިމުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި "ރޭޑިކަލް އިސްލާމް" ނައްތާލުމަށް ވައުދުވި ޓްރަމްޕް ވަނީ އޭނާ ރައީސް ކަމާއި ހަވާލުވިފަހުން ސީރިޔާގެ ރެފިއުޖީންނަށް އެމެރިކާގެ ބޯޑަރު ބަންދުކޮށްފައެވެ. އަދި އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމްވެސް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

މުސްލިމް އުއްމަތަށް ގޮންޖަހައި މުސްލިމުން ނިކަމެތި ކުރި ވެރިޔަކަށް މުސްލިމް ރަސްކަލަކު މުސްލިމުންގެ ދަރުބާރެއްގައި ރަން މެޑަލް އެރުވުން ގިނައަދަދެއްގެ މުސްލިމުން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން ކުއްވެރިކުރަމުންނެވެ.

ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވުމަށް ޑޮނަލްޑް ޓްރަމްޕް މިހާރު ސައުދީއަށް ވަޑައިގެންފައިވާއިރު މުސްލިމް 50 ގައުމެއްގެ ލީޑަރުން މިސަމިޓުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.