އޮޑިދޯނިފަހަރަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތް ފުލުހުން މެދުވެރިކޮށް ހައުސިން މިނިސްޓްރީން ހުއްޓުވައިފި އެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު ހައުސިން މިނިސްޓްރީގެ ފަރާތުން ހުއްޓުވާފައި ވަނީ، ހިތަދޫ ބަނދަރު ސަރަހައްދުގައި ފެން ހޮޅިިތައް ގުޅުމުގެ މަސައްކަތެވެ.
އެ މަސައްކަތް ހުއްޓުވާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުގެ ބަޖެޓުން 800،000ރ. އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ފުލުހުން ހުއްޓުވާފައި މި ވަނީ ހައުސިން މިނިސްޓްރީން އެކަމަށް ފުލުހުންގެ ކިބައިން އެދިގެންނެވެ.
ވަސަން މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ހުއްޓާލުމަށް ފުލުހުން އެންގި ނަމަވެސް އަދިވެސް އެ ކުންފުނީގެ މުވައްޒަފުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކައުންސިލުގެ ފަރާތުން އޮޑިދޯނި ފަހަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ވަނީ މަސްވެރިންނާއި އާއްމު ރައްޔިތުން އެފަދަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ކައުންސިލްގައި އެދުމުންނެވެ. އޭގެ ކުރިން ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ އިސްވެރިން ގާތުގައި އެދިގެން ވެސް އެ އިންތިޒާމު ހަމަނުޖެހިގެން މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހިތަދޫ ބަނދަރު ސަރަހައްދަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓުވާފައި މިވަނީ، ހިތަދު އަށް އެރި ނަގޫރޯޅީގައި ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވުމުން ރައްޔިތުންގެ ފާޑުކިޔުން އެ މިނިސްޓްރީއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ފާޑުކިޔުންތަކާއި ގުޅިގެން ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓާއި އައްޑޫ ސިޓީ ކައުންސިލާ މެދު ނުތަނަވަސްކަން އުފެދިފައިވާކަން ފާހަަގަކޮށްލެވެ އެވެ.