ފެނަކަ ކޯޕަރޭޝަނުގެ އަންހެން މުވައްޒިފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ބަދަލުގެނެސް، ވަޒީފާގެ ވަގުތުތަކުގައި މުވައްޒިފުންގެ ފޫކޮޅު ނިވާވާގޮތަށް ހެދުން އެޅުމަށް ފާސްކުރި އިސްލާހަށް ހުރިހާ މުވައްޒިފުންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ފެނަކަ ކުންފުނިން ބުނެފި އެވެ.
ފެނަކައިގެ މެނޭޖިނގ ޑިރެކްޓަރު، އަހުމަދު ޝަރީފާއި ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައި ވަނީ ކުންފުނީގެ ހުރިހާ އަންހެން މުވައްޒިފުން ވެސް އަލަށް އިސްލާހުކުރި ގަވާއިދަށް ބޯލަނބައި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވެފައިވަނީ އެއްވެސް މުވައްޒިފަކަށް އެގޮތަށް އަމަލު ކުރުމަށް މަޖުބޫރު ނުކުރުވާ ކަމަށެވެ. އަދި ހެދުން އެޅުމުގެ ގަވާއިދަށް އަމަލު ކުރަން ވަކި ދުވަހެއްވެސް ކަނޑައަޅާފައިނުވާއިރު، މުވައްޒިފުން އަމިއްލައަށް ހެދުން އެޅުމަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ކުންފުނީގެ ބޯޑުން ހެދުން އެޅުމުގެ ގަވާއިދަށް ބަދަލު ގެނެސްފައިވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ބޭރުގައާއި އަދި ކަސްޓަމަރުންގެ ފަރާތުން ދައްކާ ނޭދެވޭ ވާހަކަތަކުން މުވައްޒަފުން ސަލާމަތް ކުރުމަށެވެ.
މިދިޔަ ހަފްތާގައި ފެނަކަ ކޯޕަރޭޝަނުގެ ބޯޑުން އެކުންފުނީގެ އަންހެން މުވައްޒިފުންނާއި ފިރިހެން މުވައްޒިފުންގެ ހެދުން އެޅުމަށް އިސްލާހު ގެނެސްފައިވާއިރު އަންހެން މުވައްޒިފުން މަސައްކަތުގެ ވަގުތުގައި ޖިންސު ފޮތި، ބެލްސް އަދި ބެގީ ކުރުމަކީ މަނާ ކަމެއް ކަމުގައި ކަނޑައެޅިއެވެ. އަދި ފިރިހެން މުވައްޒިފުންގެ ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ހުޅި ޖެހުން މަނާކޮށްފައިވެއެވެ.