ރޭގެ ވަގުތެއްގައި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަދި ޖާނަލިސްޓް އިބްރާހީމް ވަޙީދު (އަސްވާޑް) ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗް ކައިރިން ސައިކަލުގައި ދަނިކޮށް ބަޔަކު މީހުން އޭނާގެ ފުރާނަ ގެއްލޭ ވަރުގެ ޙަމަލާއަކުން ބޮލަށާއި މޫނަށް ދަގަނޑު ބުރިއަކުން ޙަމަލާދީ، ޒަޙަމްކޮށްލާފައި ވާތީ އެ ނުބައި ޢަމަލު އެމްޑީޕީން އެންމެ ހަރު އަޑުން ކުށްވެރިކޮށްފި އެވެ.
އިބްރާހީމް ވަޙީދުގެ ބޮލަށާއި މޫނަށް ދަގަނޑުބުރިއަކުން ޙަމަލާދީ، ޒަޙަމްކޮށްލާފައިވާ އިރު އެ ޙަމަލާއަކީ އޭނާ މަރާލުމުގެ ގަސްތުގައި ކުރިން ރާވައިގެން ދީފައިވާ ޙަމަލާއެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އިބްރާހީމް ވަޙީދަށް މަރުގެ މި ޙަމަލާ ދީފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ރާއްޖެ ޓީވީ އާއި އެ ޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަމެއް ނުދޭނޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައި، އެ ރައްކާތެރިކަމުން ރާއްޖެ ޓީވީ މަހުރޫމްކޮށްފައި ވަނިކޮށް ކަމަށް އެމްޑީޕީން ބުންޏެވެ.
"ޤާނޫނު އަސާސީން ފުލުހުންނާ މަތިކޮށްފައިވާ އެންމެ މުޙިއްމު ވާޖިބަކީ މުޖުތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާ ގެދޮރު ރައްކާތެރިކޮށްދިނުންކަމަށް ވީހިނދު، މިކަން ތަންފީޒުކުރަންޖެހޭ ފަރާތުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވުމުގެ ސަބަބުން ރާއްޖެ ޓީވީ އާއި އެޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަމެއް ނުލިބިވާކަން ފާހަގަ ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެެވެ. "އަދި ރާއްޖެ ޓީވީ އަށް ރައްކާތެރިކަމެއް ނޫދޭން ފުލުހުން ނިންމި ނިންމުމަކީ ޤާނޫނު އަސާސީ އާ ކަނޑައެޅިގެން ޚިލާފު ނިންމުމެއްކަމާއި އަދި އެއީ ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަން ވެސް ފާހަގަ ކުރަމެވެ. މިކަން މިހެން އޮތް އިރު، ރާއްޖެ ޓީވީ އަށް ރައްކާތެރިކަން ދިނުމަށް ތަކުރާރުކޮށް އެ ފަރާތުން އެދިފަ އިވީނަމަވެސް އެ ރައްކާތެރިކަން ދިނުމަށް ފުލުހުން އިންކާރު ކޮށްފައިވާކަން ވެސް ފާހަގަ ކުރަމެވެ."
އިބްރާހީމް ވަޙީދަށް މަރުގެ ޙަމަލާ ދީފައިވާ އިރު، ރޭގައި އެމްޑީޕީ އިން މުޒާހަރާ ކުރި ސަރަޙައްދުގައި ޢާންމުންނާއި ފުލުހުން އެއްވެފައި ވަނިކޮށް ކޮންމެ ވެސް ދިމާލަކުން މީހަކު އެއްލި ތިމަރަ ފުޅިއަކުން އެ މުޒާހަރާ ކަވަރުކުރައްވަން ތިއްބެވި ޓީވީއެމްގެ އަންހެން ދެ ނޫސްވެރިން ކަމަށްވާ ޢާއިޝަތު ލީޒާ އާއި ޢާއިޝަތު ސާނީއަށް ހަމަލާ އައިސް ގެއްލުން ލިބިވަޑައިގެންފައިވާތީ އެކަން ވެސް އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެެވެ.
"ދެހާސް އަށް ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ވެރިކަން، ދައުރުގެ މެދުތެރެއިން ބަދަލުކުރުމަށްފަހު ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށްދެވޭ މި ފަދަ ހަމަލާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން މި ޕާރޓީން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އިން މިއަހަރު ނެރުނު ރިޕޯރޓްގެ ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ 30 ދަރަޖަ ދަށަށް ވެއްޓިފައިވާކަމީ މި ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އޮތް ގޮންޖެހުންތަކާއި ނޫސްވެރިންނަށް ރައްކާތެރިކަން ނެތްކަން ހާމަވެގެންދާ ހެއްކެއްކަމުގައި ދެކެމެވެ." ބަޔާނުގަައިވެ އެވެ. "އިބްރާހީމް ވަޙީދަށް މަރުގެ ޙަމަލާ ދިން މައްސަލަ އާއި ޢާއިޝަތު ލީޒާ އާއި ޢާއިޝަތު ސާނީ އަށް ހަމަލާ ދިން މައްސަލަ ވަގުތުން ބަލައި ތަޙްޤީޤްކޮށް، އެ ޖަރީމާ ހިންގި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް މި ޕާޓީން ގޮވާލަމެވެ."