އެއްވެސް މީޑިޔާއަކަށް އަދި ނޫސްވެރިޔާކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދި އެއްވެސް މުއައްސަސާއަށް ހުށައަޅާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އޮފީހުން އެއްވެސް މީޑިޔާއަކަށް ފިޔަވަޅެއް އެޅުމަށް އަންގާފައިނުވާނެ ކަމަށާއި އެކަން މީޑިޔާ ކައުންސިލަށްވެސް އެނގޭނެ ކަމަށެވެ.
"Raees ofeehuge namugai noosverin / media akaa dhekolhah evves muassaa akah massala hushahalhaafa eh nuvey. Mikan @mmc_mv ah vany engifa"-im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 22, 2017
ރައީސް ޔާމީންގެ އަނބިކަނބަލުން، ފާތުމަތް އިބްރާހީމްގެ އަބުރާއި ބެހުނު ކަމަށްބުނެ ބައެއް މީޑިޔާތަކު މައްސަލަ މޯލްޑިވްސް މީޑިޔާ ކައުންސިލަށް ހުށައަޅާފައިވާކަމަށް ކައުންސިލްގެ ރައީސް އަބްދުލް މުއީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެގޮތުން މީޑިޔާ ކައުންސިލަށް ހުށައަޅާފައިވަނީ ރާއްޖެ އެމްވީ، ވީއެފްޕީ، މިހާރު އަދި މޯލްޑިވްސް އިންޑެޕެންޑެންޓުގެ މައްސަލަތަކެވެ. ރާއްޖެއެމްވީގެ ހަ ނޫސްވެރިޔެއްގެ މައްސަލަ މީޑިޔާ ކައުންސިލުން މިހާރު ބަލަމުންދާއިރު މިހާރު ނޫހުގެ 3 ނޫސްވެރިޔަކަށް ވަނީ ހުށައެޅުނު މައްސަލަތަކަށް ޖަވާބުދާރީވުމަށް މުހުލުތެއް ދީފައެވެ.