Last Updated: June 24, 20:03
Wednesday, June 24, 2026
ކުޅިވަރު

ރެލިގޭޓްވުމުން ސަންޑަލޭންޑްގެ މެނޭޖަރުކަމުން މޮޔެސް އިސްތިއުފާ ދީފި

މި ސީޒަނުގައި އަލަށް ސަންޑަލޭންޑުގެ މެނޭޖަރުކަމާ ހަވާލުވި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަންގެ ކުރީގެ މެނޭޖަރު، ޑޭވިޑް މޮޔެސް ސީޒަން ނިމުމުން އިސްތިއުފާ ދީފި އެވެ.

ތާވަލުގެ ފުލުގައި އޮވެ މޮޔެސްގެ ޓީމު ވަނީ ޕްރިމިއާ ލީގުން ރެލިގޭޓުވެ ޗެމްޕިއަންޝިޕަށް ދާން ޖެހިފައެވެ.

މުޅި ސީޒަނުގައި ވެސް އެންމެ 6 މެޗުން މޮޅުވި ސަންޑަލޭންޑު ވަނީ ކުޅުނު 38 މެޗުގެ ތެރެއިިން 26 މެޗުން ބަލިވެފައެވެ. އެއްވަރުވެފައި ވަނީވެސް ހަ މެޗުންނެވެ.

މިދިޔަ ސީޒަން ނިމުމަށްފަހު ޓީމުގެ ކޯޗު، ސޭމް އެލާޑީސް ވަނީ އިނގިރޭސި ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމު ލިބުމުން ސަންޑަލޭންޑުގެ މެނޭޖަރުކަމުން އިސްތިއުފާ ދީފައެވެ.

މޮޔެސް މެންޗެސްޓާ ޔުނައިޓެޑުގައި ސީޒަނެއް ހޭދަކުރުމަށްފަހު ލިބުނު ދަށް ނަތީޖާގެ ސަބަބުން ކުލަބުން ވަނީ ސީޒަން ނިމެން ކައިރިވެފައިވަނިކޮށް އޭނާ މަގާމުން ވަކިކޮށްފައެވެ. ޔުނައިޓެޑުގެ މަގާމު ގެއްލުމުން މޮޔެސް ވަނީ ސްޕެނިޝް ލަލީގާގެ ރެއަލް ސޮސެއިޑާޑާއި ހަވާލުވެފައެވެ.

ސޮސެއިޑާޑުގައިވެސް ނާކާމިޔާބީތަކާއި ކުރިމަތިވެ އެކުލަބު ދޫކޮށް ދިއުމަށްފަހު ސަންޑަލޭންޑުގެ މެނޭޖަރު ކަމާއި ހަވާލުވުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ އެވަޓަންގެ ދުވަސްވަރު ލިބުނު ތަޖުރިބާއިން މޮޔެސްއަށް ސަންޑަލޭންޑާއެކު ރަނގަޅު ސީޒަނެއް ހޭދަކުރެވޭނެ ކަމަށެވެ. ނަމަވެސް ސީޒަން ނިމުމާއެކު މޮޔެސް ވަނީ ރެލިގޭޝަނަށް ޓީމު ވައްޓާލުމަށްފަހު އިސްތިއުފާ ދީފައެވެ.