Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ހަބީބް މަރުވީ ގެނބިގެން ކަމަށް ބެލެވޭ: އެމްއެންޑީއެފް

ޓްރޭނިން ތެރޭގައި އުޅެނިކޮށް މިއަދު ސ. ފޭދޫ ދުންނިކަގޭ އިސްމާއީލް ހަބީބު (ހައްބާ) މަރުވީ މިއަދު ޖެހި 200 މީޓަރު ފެތުމުގެ ޓެސްޓް އޭނާ ނިންމައި ޕޮއިންޓަށް ގޮސް ޓެސްޓް ނިންމާ ޕޮއިންޓްގައި އަތްލިތަނުން ގެނބުމާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 11:00 ޖަހާ އެހާކަށްހާ އިރު އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ފަސް ސިކުންތުގެ ތެރޭގައި ސްވިމިން އިންސްޓްރަކްޓަރުން މޫދަށް ފުންމާލާ ރެކްރޫޓް އިސްމާޢީލް ހަބީބް ނެގި އިރު ހާލަތު ރަނގަޅު ނޫން ކަމަށް ފެނިގެން ވަގުތުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެމްއެންޑީއެފުން ވެސް ބުނީ ހަބީބު ހޮސްޕިޓަލަށް ގެންދިޔަ އިރު އެއްވެސް ވިންދެއް ނެތް ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އޭނާގެ ހަށިގަނޑު މިއަދު މެންދުރު 12:50 އެހާކަށްހާ އިރު ވަނީ ގެއަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުﷲ އަލީ ވިދާޅުވީ ހަބީބު މަރުވި ސީދާ ސަބަބެއް އަދިވެސް ސާފު ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިހާރު އައްޑޫގައި މިހާރު ކުރިއަށްދާ ސިފައިންގެ 58 ވަނަ އަސާސީ ތަމްރީނުގެ ތެރޭގައި ކަމަށެވެ. ހަބީބަކީ އައްޑޫގެ ފުޓްބޯޅައިގައި ވެސް ހަރަކާތްތެރިވާ ޒުވާނެކެވެ.