Last Updated: July 27, 10:52
Monday, July 27, 2026
ޚަބަރު

ޑރ. ޖަމީލް މަގާމުން ވަކިކުރުން؛ ސުވާލުތައް ގިނަ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް 30 ޖޫން 2015 ވަނަ އަހަރު ހުށަހެޅީ ސަރުކާރުންނެވެ.

މަޖިލީހުގެ 61 މެންބަރަކު ސޮއިކުރައްވާފައިވާ ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ސުޖާއުއެވެ.

ޑރ. މުހައްމަދު ޖަލީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރު ހުށަހެޅުމަށްފަހު، އެ މައްސަލަ ވަކިކުރުން އަވަސްކުރުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވެސް އާއްމު ކޮމިޓީން އިސްލާހު ކުރިއެވެ. އެ އިސްލާހުތަކާއި އެކު 20 ޖުލައި 2015 ގައި ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ.

މަޖިލީހުގައި އެދުވަހު ބޭއްވި ޖަލްސާގައި ވާހަަކަދެއްކެވި ގިނަ މެންބަރުން ވަނީ ޑރ. ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޑރ. ޖަމީލް ފެއިލްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ މެންބަރުން ވަނީ އެމަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ވެސް ކުރައްވާފަ އެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ޑރ.ޖަމީލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު މަގާމުން ވަކިކުރަން އެކަށީގެންވާ ހެއްކެއް އެއްވެސް ފަރާތަކަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ސަރުކާރުގެ ތެރެއިން ކުރިމަތިކުރުވި ކަމުގައިވެސް ވިދާޅުވި އެވެ.

ޑރ. ޖަމީލު މަޤާމުން ވަކިކުރުމުގެ ކަންތައް ކުރިއަށް ގެންދިޔައިރު އެމަނިކުފާނަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ފުރުސަތު ލިބިދީފައެއް ނުވެއެވެ.

ނައިބު ރައީސް ކަމުން ޑރ. ޖަމީލު ވަކިކޮށްފައިވަނީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. އެގޮތުން ޑރ.ޖަމީލުގެ އިތުބާރު ނެތް ކަމަށް 78 މެމްބަރުން ވޯޓު ދެއްވާފައިވާއިރު އެ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 2 މެންބަރުންނެވެ.

ޖަމީލަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ މެމްބަރު މަހުލޫފާއި މެމްބަރު އަލީ ހުސައިން އެވެ.

އެއީ އެދުވަހެވެ. މިއަދު މިއޮތީ މުޅިން އެހެން ރާއްޖެއެކެވެ. ރޭ ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި އެކު ރައީސުލް ޖުމްހުރިއްޔާ އަދި ރައީސުލް ޖުމްހުރިޔާގެ ނައިބް، ވަޒީރުން، މިނިވަން މުވައްސަސާ ތަކުގެ ވެރިން އަދި ފަނޑިޔާރުން ވަކި ކުރެވޭނީ ސްޕްރީމް ކޯޓަށް އެކަނިއެވެ.

ސްޕްރީމް ކޯޓުން ރޭ ކުރި ހުކުމުގައި ބުނެފައި ވަނީ، އެކަށީގެންވާ ސަބަބެއް ނެތި ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށެވެ. އަދި އެކަށީގެންވާ ސަބަބަކާ އެކު ނަގާ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ނަމަވެސް އެކަމުގެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.