Last Updated: June 23, 19:05
Tuesday, June 23, 2026
ޚަބަރު

މެންޗެސްޓާގައި ބޮމެއް ގޮއްވާލައި 19 މީހަކު މަރާލައިފި

އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ރޭގެ ވަގުތެއްގައި ބޮމެއް ގޮއްވާލައި 19 މީހަކު މަރުވެ، 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތަކެއް ވެއްޖެއެވެ.

މެންޗެސްޓާ އެރީނާގައި ބޮން ގޮއްވާލާފައިވަނީ ރޭ އެތާނގައި ބޭއްވުނު އަރިއާނާ ގްރޭންޑުގެ ޝޯއެއް ނިންމާލުމަށްފަހު މީހުން ހުސްނުވަނީހެވެ. ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވެފައިވަނީ މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން އަންނަނީ މިހަމަލާއާ ބެހޭ މައުލޫމާތު އެއްކުރަމުން ކަމަށެވެ.

ތެރޭސާ މޭ ވަނީ ހަމަލާއަށްފަހު އޭނާގެ އިންތިޚާބީ ކެމްޕޭން ރަސްމީ ގޮތުން ފަސްކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ ކުއްލި ހާލަތު ބައްދަލުވުމެއް މޭ އިސްވެ ހުރެ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހަމަލާއަށް ފަހު އެތާ ކައިރީގައި ހުންނަ މެންޗެސްޓާ ވިކްޓޯރިއާ ރޭލު ސްޓޭޝަން ވަނީ ބަންދުކޮށް ހުރިހާ ރޭލު ދަތުރެއް ކެންސަލް ކޮށްފައެވެ. މަންޒަރު ދުށް ފަރާތަކުން "ބީބީސީ" އަށް ކިޔާދެމުން ބުނެފައިވަނީ އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅު ކޮންސާޓު ނިމުމުން ބަލާ ގޮސްފައި ހުއްޓާ ކުއްލިއަކަށް އެއްޗެއް ގޮވައި 30 ފޫޓު ދުރަށް އެއްލައިގެންދިޔަ ކަމަށެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއްނުވެއެވެ. ނަމަވެސް އިނގިރޭސި އިންޓެލިޖެންސުން ދަނީ މިހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ހޯދަމުންނެވެ.