Last Updated: April 24, 22:15
Wednesday, April 24, 2024
ރިޕޯޓް

އައްޑޫ ކައުންސިލްގެ ބާރު ކަނޑުވާލީ ގެސްޓް ހައުސް ވެންޗައާ ހެދިތަ؟

އައްޑޫ ސިޓީ ކައުންސިލްގެ ބާރު މިހާރުގެ ސަރުކާރުން ކަނޑުވާލީ، އައްޑޫ ގެސްޓް ހައުސް ވެންޗަ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމުމުން ހެއްޔެވެ؟

އެ ސުވާލު އުފައްދާ ވަރަށް ގިނަ ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް އެމްޑީޕީގެ ސިޔާސަތަށް ތާއިދު ކުރާ އަދި އެމްޑީޕީގެ ވެރިކަމުގައި އިސްކޮށް އުޅުއްވި ބައއް ބޭފުޅުންނެވެ.

އެފަދަ ބައެއް ބޭފުޅުން ވިދާޅުވަނީ 2014 ވަނަ އަހަރު ކައުންސިލްގެ ބާރުތައް ސަރުކާރުން ކަނޑުވާލި ސަބަބަކީ ގެސްޓް ހައުސް ވެންޗަ މަޝްރޫއު ފަށަން ކައުންސިލުން ނިންމުމުން ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް ކުރި އަރުވައި އިގުތިސާދީ ބާރުވެރިކަން ހޯދުމަށް ކައުންސިލުން އިއުލާން ކުރި އެ މަޝްރޫއަކީ 20 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ކައުންސިލުން އޭރު ބުނެފައި ވަނީ އައްޑޫ ގެސްޓް ހައުސް ވެންޗާގެ ސަބަބުން 2،000 އެނދު އައްޑޫގައި ހެދިގެން ދާނެކަމަށެވެ. އަދި މީގެ ސަބަބުން 5،000 އެއްހާ ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

އައްޑޫ ގެސްޓް ހައުސް ވެންޗާގެ ދަށުން ހަ ސަރަހައްދެއްގައި ގެސްޓް ހައުސް ތަރައްގީ ކުރަން ނިންމި އެވެ. އޭގެތެރޭގައި ހިމެނެނީ ހިތަދޫ، މަރަދޫ، އަދި ހުޅުމީދޫގެ ސަރަހައްދުތަކެވެ.

އައްޑޫ ގެސްޓް ހައުސް ވެންޗާގެ ދަށުން ގެސްޓް ހައުސް ޢިިމާރާތް ކުރުމަށް ބޭނުންވާ ބިން، 25 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް، ނުވަތަ ބިމުގެ ވެރިފަރާތް، އެ ވިޔަފާރީގެ %10 ގެ މިންވަރަށް ޙިއްޞާވާ ގޮތަށް ދޫކުރެވޭ ގޮތަށް އުސޫލްތަކެއް އެކުލަވާލި އެވެ.

އަދި ގެސްޓް ހައުސް ޢިިމާރާތް ކުރުމަށް ހިނގާނެ ޚަރަދުގެ %70 ގެ ލޯން ފައިސާ ހޯދައި ދިނުމަށް ކައުންސިލުން އެހީތެރިވުމަށް ވެސް ނިންމި އެވެ.

މި މަޝްރޫއު 2014 ގައި އިއުލާން ކުރުމުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނުތަކުން ވެސް ޝައުގުވެރިކަން ފާޅު ކުރި އެވެ.

އެހެން ނަމަވެސް ގެސްޓް ހައުސް ސިޔާސަތާ ގުޅޭ ހުރިހާ ލިއުންތަކެއް ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ވަނިކޮށް ސަރުކާރުން ވަނީ އެކަން ހުއްޓުވާލައިފަ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި މި ސަރުކާރުން ކައުންސިލްގެ ގެސްޓް ހައުސް ވެންޗަ މަޝްރޫއު ހުއްޓުވާލި އިރު، އެމްޑީޕީގެ ވެރިކަމުގައި 2011 ގައި އައްޑޫގައި ފެށި އެއްވެސް ޕްރޮޖެކްޓެއް މި ސަރުކާރުން މިހާތަނަށް ނިންމައި ދީފައެއް ވެސް ނުވެ އެވެ.

ކައުންސިލްގެ ގެސްޓް ހައުސް ވެންޗަ ހުއްޓުވާލުމަށް ފަހު، މި ސަރުކާރުން ދާދި ފަހުން ވަނީ އައްޑޫގައި ގެސްޓް ހައުސް އެނދު ތަރައްގީ ކުރުމުގެ މަޝްރޫއެއް އިފުތިތާހުކޮށްފަ އެވެ.

އެގޮތުން އައްޑޫގެ ސަހަރައްދަކަށް ބަހާލައިގެން 3،000 އަށް ވުރެ އެނދު ތަރައްގީ ނިންމައި، ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.