ރޯދަ މަހު މަރަދޫގައި ބާއްވާ ވީބީ ގޯދިއްޔާ ފުޓްސަލް ކަޕްގެ މި އަހަރުގެ މުބާރާތުގެ ޓްރެވަލް ޕާޓްނަރަކަށް ސްރީލަންކަން ހަމަޖައްސައިފި އެވެ.
ގޯދިއްޔާއިން ބުނީ މުބާރާތުގެ ޓްރެވަލް ޕާޓްނާގެ ގޮތުގައި ސްރީލަންކަން ހަމަޖައްސައި އެކަމާއި ގުޅޭ އެއްބަސްވުން ދެފަރާތުގެ ދެމެދުގައި ހެދިފައިވާ ކަމަށެވެ.

މުބާރާތުގެ ޓްރެވަލް ޕާޓްނާގެ ގޮތުގައި ސްރީލަންކަން ހަމަޖެއްސި އިރު އެ އެއާލައިން އަކީ މިވަގުތު އައްޑޫއަށް ދަތުރުކުރާ ހަމައެކަނި ބޭރުގެ އެއާލައިންއެވެ. ސްރީލަންކަންއިން ގެންދަނީ ހަފްތާއަކު 4 ފްލައިޓް ސ. ގަމަށް ބާއްވަމުންނެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގޯދިއްޔާ ފުޓްސަލް ކަޕް މުބާރާތުގެ މި އަހަރު ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް އެޖަމިއްޔާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖޫން 24 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 20 ޓީމެއް ވާދަ ކުރާނެއެވެ.
ގޯދިއްޔާއިން ބުނީ މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިން މި މުބާރާތުން ފެނިގެންދާނެކަމަށެވެ.
މިމުބާރާތުގެ ޓައިޓްލް ސްޕޮންސާރ އަކީ ވީބީ ބްރަދާސްއެވެ. މީޑިއާ ޕާޓްނާ އަކީ އައްޑޫލައިވްއެވެ. ކޭޓަރިން ޕާޓްނާގެ ގޮތުގައި ހަމަޖައްސާފައިވަނީ މަރަދޫ "ކިއުކޯނާރ"އެވެ.
މިފަހަރުގެ މުބާރާތުގެ އެންމެ ފަހުގެ ހަބަރާއި، މެޗް ރިޕޯޓާއި، މެޗް ޝެޑިއުލްއާއި މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް ހިމެނޭ ޕޭޖެއް "އައްޑޫލައިވް" ވެބްސައިޓްގައި ގާއިމް ކުރެވޭނެއެވެ.