Last Updated: June 23, 19:05
Tuesday, June 23, 2026
ޚަބަރު

ވެލެޒިނީ ފުލުހަށް ހާޒިރުވާން މުހުލަތެއް ދީފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ޖުޑީޝިއަލް ސާވިސް ކޮމިޝަނުގެ ކުރީގެ މެމްބަރު، އާއިޝަތު ވެލެޒިނީ ފުލުހަށް ހާޒިރުވުމަށް ދެހަފްތާގެ މުހުލަތެއް ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ބޭނުންވާތީ ދެހަފްތާ ތެރޭގައި އެއިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ވެލެޒިނީއަށް 14 ދުވަހުގެ މުހުލަތެއް ދީފައިވަނީ އޭނާ ރާއްޖޭގައި ދިރިނޫޅޭތީ ކަމަށެވެ.

އަދި މުއްދަތުގެ ތެރޭގައި އެ އިދާރާ އަށް ވެލެޒިނީ ހާޒިރު ނުވެއްޖެ ނަމަ ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ވެލެޒިނީގެ ޣައިރު ހާޒިރުގައި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ދިރިއުޅުނު ނެދަލޭންޑްސް އަށް ބަދަލުކޮށްފައިވާ ވެލެޒިނީ ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފު، ކުފުރުގެ ބަސްތައް ބޭނުންކޮށް، ރަސޫލު ކަމަށް ދައުވާކޮށްފައެވެ.

ފޭސްބުކް ވީޑިއޯ މެދުވެރިކޮށް ވެލެޒިނީ ބުނެފައިވާ ބަސްތަކުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާއަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅާފައެވެ.