ސައުދީ އަރަބިޔާގައި ބޭއްވި "އަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އެނބުރި ރާއްޖެވަޑައިގެންފިއެވެ.
ރައީސް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ. ރައީސްގެ މިދަތުރުފުޅުގައި އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ތަގްރީރް ކުރައްވާނެކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓް ކުރިއެވެ. ނަމަވެސް މި ސަމިޓްގައި ރައީސް ތަގްރީރު ކުރައްވާފައި ނުވެއެވެ.
ސައުދީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނުވަނީ އަލަށް ގާއިމުކުރި ގްލޯބަލް ސެންޓާ ފޯ ކޮމްބެޓިންގް އެކްސްޓްރީމިސްޓް އައިޑިއޮލޮޖީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީއަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވި އެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް އާއި، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޑރ. މުޙައްމަދު ޝައިނީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވި އެވެ