Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

އައިބީގެ ފޮޓޯ އެކޮޅުކޮޅުން ޖެހުމުން ޕީޕީއެމް ރުޅިގަދަވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ގެ ފޮޓޯ އެކޮޅުކޮޅުން ޖަހައި، އޭނާ އަށް ފޭދޫގެ ޕީޕީއެމް އެކްޓިވިސްޓެއް ކަމަށްވާ އީނާ ނަސީރު ފާޑުކިޔުމާ ގުޅިގެން ފޭދޫގައި ތިބި ޕީޕީއެމަށް ތާއީދު ކުރާ ބައެއް އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

ފޭދޫގެ ޕީޕީއެމް މެންބަރުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދާ މީހަކު އައިބީގެ ފޮޓޯ އެކޮޅުކޮޅުން ޖެހުން ޕީޕީއެމްގެ ބައެއް މެންބަރުން ސިފަކޮށްފައި ވަނީ، "ޣައްދާރުވުމެއް"ގެ ގޮތުގަ އެވެ.

އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ޕީޕީއެމްގެ ފޭދޫ މެމްބަރަކު ބުނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ކަމަށް ދައުވާ ކުރާ އެ ޕާޓީގެ އެކްޓިވިސްޓަކު، ރައީސް ޔާމީނާ އެކު ހުންނެވި މަޖިލިސް މެމްބަރެއްގެ ގަދަރު ކުޑަވާ ގޮތަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެކަން ކުރި މީހަކު އެއީ ޒާތީ ގޮތުންނާއި އަމިއްލަ އެދުމުން ފޯހިވެފައި ހުރެގެން ކުރި ކަމެއް، އެކަން ބަލައެއް ނުގަނެވޭނެ."

ޕީޕީއެމްގެ އެހެން ސަޕޯޓަރު ވަނީ އީނާ މީގެ ކުރިން އައިބީއާ ބެހޭ ގޮތން ދައްކާފައި ހުރި ބައެއް ވާހަކަތަކަށް ވެސް ރައްދު ދީފަ އެވެ.

"ފޮޓޯ އެކޮޅުކޮޅުން ޖެހި މީހާ މީގެ ކުރިން ބުނެފައި އެބަހުރި އައިބީއަކީ ފޭދޫ ރައްޔިތުންނަށް ލިބުނު ޖަވާހިރެކޭ. އަބަދު ވެސް ހުންނާނީ އޭނާގެ ފަހަތުގައޭ. އެކަމަކު މިއަދު އަމިއްލަ މަސްލަހަތު އޮތް ކޮންމެވެސް ކަމެއްގެ ޒާތީ ހަސަދައާ އެކު، އައިބީއާ ދިމާކޮށްލައިގެން ފާޑުފާޑުގެ ވާހަކަ އެ ދައްކަނީ،" އޭނާ ބުންޏެވެ.

އީނާ ކުރި އަމަލު ޕީޕީއެމްގެ ފޭދޫގެ ބައެއް ސަޕޯޓަރު ސިފަ ކުރަނީ އިހުލާސްތެރި ކަމެއް ނެތުމާއި ދެ އަނގައިން ވާހަކަ ދެއްކުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އަދި އީނާގެ ތާއީދު އައިބީ އަށް ނެތުމަކުން ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ބުންޏެވެ.

"އެއީ ދެން ކާކު؟ އަހަރެމެންނަށް ހެޔޮ އޭނާ ދުވަހަކު ވެސް އައިބީ އަށް ތާއީދު ނުކުރިޔަސް. އަމިއްލަ ފޮޓޯ އެކޮޅުކޮޅުން ޖެހިއްޔާ މާ ތާހިރުވާނެ. އެކަހަލަ ދެފުށްކެހެރި މީހުންގެ ތާއީދެއް ބޭނުމެއް ނުވާނެ،" އޭނާ ބުންޏެވެ.

މީގެ ކުރިން އައިބީ އަށް "މަރުދެމުން" ދިޔަ އީނާ އައިބީގެ ފޮޓޯ ފޭސްބުކްގައި އެކޮޅުކޮޅުން ޖެހުމަށް ފަހު ބުނެފައި ވަނީ ދުވަހަކު ވެސް ދެން އޭނާ އަށް ތާއީދު ނުކުރާނެ ކަމަށެވެ.

ފޭދޫގެ ޕީޕީއެމް މެންބަރުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ އައިބީ ހަފްތާ ބަންދުގައި ގިނައިން ހޭދަކުރައްވަނީ ފޭދޫގައެވެ. އީނާ ނަސީރުގެ ފާޑުކިޔުން އައިބީ އަށް އަމާޒުވި ނަމަވެސް ފޭދޫ އަށް ނިސްބަތްވާ ޕީޕީއެމްގެ ގިނަ މެންބަރުން ގެންދަނީ ސޯޝަލް މީޑިޔާގައި އައިބީ އަށް ތާއީދުކޮށް ޝުޢޫރު ފާޅުކުރަމުންނެވެ.