Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް

ހުޅުދޫ ގޮޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން 24 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން ކުރިއަށް ގެންދާ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް އެބަގެންދެ އެވެ.

އާރްއާރް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 1300 މީޓަރ ދިގު ބޮޑު ހިލައިގެ ތޮއްޓެއް ގާއިމް ކުރެވޭނެއެވެ.

ހުޅުދޫ "ބޮމާ ފަންނު"އިން ފެށިގެން ރަށުގެ އުތުރަށް ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާއިރު މި މަޝްރޫއު އަންނަ ނޮވެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.

މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިދިޔަ އެޕްރީލް މަހު 27 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހުޅުދޫ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާޢި ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދް (ޝާޑް) ވިދާޅުވީ މަސައްކަތް ތާވަލް ކުރިގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެކަމަށާއި، ރައީސް ޔާމީން ހުޅުމީދޫ ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓި ކުރިއަށްދާނެ ކަމަުގެ ޔަގީކަން އަރުވާކަމަށެވެ.

ޝާޑް ވިދާޅުވީ ހުޅުމީދޫއަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކޮށްދެއްވާ ކަންކަން މި ސަރުކާރުން ދަނީ ކޮށްދެއްވަމުން ކަމަށާއި ކުރިއަށް ވެސް ބޮޑެތި ކަންކަން ރޭވިފައިވާ ކަމަށެވެ.

ހުޅުމީދޫގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުއަށް އަލިއަޅުވާލަމުން ޝާޑް ވިދާޅުވީ މަސް ފެކްޓަރީގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށާއި އެތަނުން ދެ ރަށުގެ ގިނަ ބަޔަކަށް ވަޒީފާ ލިބިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ދެ ރަށުގެ ނަރުދަމާ މަސައްކަތްވެސް ކަނޑައެޅިފައިވާ ތާރީހަށް ނިންމާނެކަމުގެ ޔަގީންކަން ޝާޑް ދެއްވިއެވެ.

"މިއީ ރައީސް ޔާމީންގެ ދުރު ވިސްނުން، އެމަނިކުފާން އައްޑޫއަށް ދެއްވާ އިސްކަން، ހާއްސަކޮށް ހުޅުމީދޫގެ ތަރައްޤީއަށް އެމަނިކުފާން ހާއްސަ އިސްކަމެއް ދެއްވާ"

ޝާޑް ވިދާޅުވިއެވެ.

ޝާޑް ގެންދަވަނީ ހަފްތާ ބަންދުތަކުގައި ރަށައް ވަޑައިގެން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއުތައް ކައިރިން ބައްލަވަމުންނެވެ.