Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

"ސަމިޓްގައި ރައީސަށް ވާހަކަ ނުދެއްކުނީ ވަގުތު ނެތިގެން"

ރައީސް އަބްދުﷲ ޔާމީން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއެކު

ސައުދީގައި ކުރިއަށް ގެންދިޔަ "އަރަބް އިސްލާމިކް އެމެރިކާ ސަމިޓް"ގައި ރައީސް އަބްދުﷲ ޔާމީންއަށް ތަގްރީރު ނުކުރެއްވުނީ ވަގުތުގެ ދަތިކަމުންކަމަށް ސައުދީ އަރަބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ހަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ހަމީދު ވިދާޅުވީ ސަމިތްގައި ތަގްރީރު ނުކުރައްވާ އެތައް ވެރިންނެއް ތިއްބެވި ކަމަށާއި ވަގުުތުގެ ތާށި ކަމާއި ހުރެ ސަމިޓް ނިންމަވާލެއްވިކަން ރިޔާސަތުން އިއްލާން ކުރެއްވި ކަމަށެވެ.

ހަމީދު ވިދާޅުވީ ސަމިޓް ފެއްޓެވި އިރު ކޮންމެ ގައުމެއްގެ ވެރިއަކު ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް ގިނަ ގައުމުތަކުގެ ވެރިންނަށް އެފުރުސަތު ލިބިވަޑައި ނުގެން ސަމިޓް ނިންމަވާލެއްވި ކަމަށެވެ. ނަމަވެސް ސަމިޓްގެ ތެރެއިން ސައުދީ ރަސްގެފާނާއި، ކްރައުންސް ޕްރިންސާއި ވަލީއަޙުދާއި ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިވަޑައިގަނެވިކަމަށާއި، ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސްއާ ވެސް ރައީސް ވާހަކަދައްކަވާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ރައީސް ވަނީ ސަމިޓް ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައެވެ. ރައިސްގެ މި ދަތުރުފުޅަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.