ދިވެހި ރާއްޖޭގައި މިހާރު އޮތީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިވެ ރިކަން ނިމުމަކަށް ގެނެސް ރާއްޖޭގައި ޑިމޮކްރަސީ އިއާދަކުރައްވާނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޮސްލޯ ފްރީޑަމް ފޯރަމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ މިވެރިކަމަކީ ރާއްޖެއަށް ގެނެވުނު ޑިމޮކްރަސީގެ އިދިކޮޅު ކަމަށެވެ.
އަދި ޚުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފަތަކެއް މިއަދުގެ ސަރުކާރުން ފެންނަމުންދާ ކަމަށް ނަޝީދު އިތުރުކޮށްފައިވެއެވެ.
ގާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށްވެސް ލިއްބައިދޭ އަސާސީ ހައްގުތަކުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަން ހަނިކޮށްފައިވާ މިންވަރުން މިއީ ޑިމޮކްރަސީއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
އަދި މިހާރު ދީނީ ގޮތުން ހަރުކަށި ފިކުރުތައް ގެންގުޅުން މިރާއްޖޭގައި އިތުރުވެފައިވާ ކަމަށްވެސް ނަޝީދުގެ ތަގުރީރުގައި ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ގައުމު މިހާލަތުގައި އޮތްއިރުވެސް ރައްޔިތުންގެ ވޯޓުން ސަރުކާރަށް ނޫނެކޭ ބުނެފައިވުމަކީ ޑިމޮކްރަސީ އަލުން އިޔާދަކުރެވޭނެ ކަމަށް ލިބުނު އުއްމީދެއް ކަމަށް ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުވާލަމުން ނަޝީދު ފާހަގަކޮށްފައިވެއެވެ.