Last Updated: June 11, 20:32
Thursday, June 11, 2026
މުނިފޫހިފިލުވުން

"ތޭންކް ގޯޑް އިޓްސް ފްރައިޑޭ"

ސާޖިދް ހާން ޑައިރެކްޓްކޮށް، އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ "ހިންމަތުވާލާ" ގައި ސޮނާކްޝީ ސިންހާ ކުޅެފައިވާ "ތޭންކް ގޯޑް އިޓްސް ފްރައިޑޭ" އައިޓަމް ލަވަ އާންމުކޮށްފި އެވެ.

މިއީ "ދަބަންގް" އިން ތައާރަފްވި ސޮނާކްޝީގެ ދެވަނަ އައިޓަމް ލަވަ އެވެ. މީގެ ކުރިން އޭނާ ވަނީ މިދިޔަ އަހަރު ރިލީޒްވި އަކްޝޭ ކުމާރުގެ "އޯ މައި ގޯޑް" ގެ އައިޓަމް ލަވަ "ގޯ ގޯ ގޯވިންދާ" ގައި ޕްރަބޫދޭވާ އެކު ހަރަކާތްތެރިވެފަ އެވެ.

ސުނީދީ ޗޯހަން ކިޔާފައިވާ "ތޭންކް ގޯޑް އިޓްސް ފްރައިޑޭ" ލަވަ އާ ބެހޭ ގޮތުން ސާޖިދް ބުނީ އެހެން ފިލްމްތަކުގައި ހިމެނޭ ފަދަ އަައިޓަމް ލަވައެއް ނޫން ކަމަށެވެ. އެއާ ހިލާފަށް މި ލަވަވެގެން ދާނީ "ހިންމަތުވާލާ" ގެ ވާހަކައިގެ ތެރެއިން އަންނަ ފިލްމާ ވަރަށް ބޮޑަށް ގުޅުން ހުރި ލަވައަކަށް ކަމަށް އޭނާ ބުންޏެވެ.

މި ލަވަގައި ދައްކުވައި ދޭނީ 1983 ވަނަ އަހަރު ހިސާބުގައި ރެޓްރޯގެ ވައްޓަފާޅި އޮތް ގޮތެވެ. އެގޮތުން ސޮނާކްޝީ ފެނިގެން ދަނީ ވަރަށް "ރެޓްރޯކޮށް" ކަމަށް ސާޖިދް ބުންޏެވެ.

ސްރީ ދޭވީ އާއި ޖީތެންދްރާ ލީޑް ރޯލް ކުޅުނު 1983 ވަނަ އަހަރުގެ ކާމިޔާބް ފިލްމް "ހިންމަތުވާލާ" ގެ ރިމެކިންއެއްގެ ގޮތުގައި ގެނެސްދޭ "ހިންމަތުވާާލާ" ގައި އަޖޭ އާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ސައުތު ފިލްމް އިންޑަސްޓްރީގެ ބަތަލާ ތަމަންނާ އެެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 29 ގަ އެވެ.