Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އިދިކޮޅު މީހުން "ފައި ދަށަށް ލާފައި" 2018 ކާމިޔާބު ކުރާނަން: އަދުރޭ

އަންނަ އަހަރު ބާއްވާ ރިއާސީ އިންތިހާބް އިދިކޮޅު ފަރާތްތައް "ފައި ދަށުލުމަ ށްފަހު" ބޮޑު ތަފާތަކުން އިންތިހާބް ރައީސް އަބްދުﷲ ޔާމީން ކާމިޔާބް ކުރައްވާނެކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެެއްޖެ އެވެ.

ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕާޓީތައް ގުޅިގެން އެމްޑީއޭ ޖަގަހައިގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބްގައި ރައީސް ޔާމީން ގިނިކަންޏާ ނިކުމެ ވަޑައިގެން އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އާއި ނަޝީދު އަދި ގާސިމް އެކުވެގެން އިންތިހާބަށް ނިކުމެގެން ހަގީގަތުގައި ކާމިޔާބެއް ނުލިބޭކަމަށެވެ.

"2013 ގައި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނާއެކު ނިކުމެވަޑައިގެން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 25 ޕަސެންޓް، މި އިންތިހާބުގައި ގިނިކަންޏާ ނިކުމެވަޑައިގެން 43 ޕަސެންޓް ހޯއްދެވިއިރު އަންނި އާއި މައުމޫން އާއި ގާސިމާއި އިމްރާނާ އެއްކޮށް ނިކުމެގެން އެ ލިބުނު އެއްޗެއް ލިބުނީ، ދެން ކޮބައިތޯ މޮޅުވެފަ، ފައިދަށުލާފަ ކާމިޔާބު ކުރާނީ އަޅުގަނޑުމެން، ފައިދަށުލާފައި ކާމިޔާބު ކުރާނަން،"

އަދުރޭ ވިދާޅުވީ ރައީސް ޔާމީން އާއި ވާދަކޮށް ފައި ހަމަކޮށްލެވޭ ވަރުގެ ސިޔާސީ ލީޑަރެއް އިދިކޮޅުގައި ނެތްކަމަށެވެ. އެހެންވެ އިދިކޮޅު ފަރާތްތައް "ފައިދަށުލުމަށްފަހު" އިންތިހާބް ކާމިޔާބް ކުރާނެކަމަށެވެ.