Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

މިސްކިތްތައް މަރާމާތު ކުރަން އިސްލާމިކް މިނިސްޓްރީގެ އެހީއެއް ނުލިބޭ!

އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާ އިސްލާމިކް މިނިސްޓްރީން އެއްބާރުލުމެއް ނުލިބޭތީ އެކަމާ އައްޑޫގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ރަމަޟާން މަހަށް ދެ ދުވަހަށް ވެފައިވާއިރު، މިސްކިތްތައް ޒީނަތްތެރިކުރުމަށް މިނިސްޓްރީގެ ފަރާތުން ވަނީ އައްޑޫގެ ބައެއް މިސްކިތްތައް ބެލެހެއްޓުން މޯލްޑިވްސް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލުކޮށްފަ އެވެ.

އެމްއާރްޑީސީ އާއި ހަވާލުކޮށްފައި ވަނީ، އައްޑޫގައި ހުރި ބޮޑެތި މިސްކިތްތަކެވެ. އެހެން ނަމަވެސް އެމްއާރްޑީސީގެ ފަރާތުން އެ މިސްކިތްތަކަށް އިތުރު މަސައްކަތު މީހުން ލުން ފިޔަވައި ރޯދައަށް މިސްކިތްތައް ޒީނަތްތެރި ކުރުމަށް މަސައްކަތްތަކެއް ނުކުރެވެ އެވެ.

މިސްކިތްތައް ނުބެލެއްޓޭތީ އެކަމުގެ ކަންބޮޑުވުން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

ކައުންސިލްގެ އޮފިޝަލަކު، އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫގެ މިސްކިތްތަކުގެ ހާލަތު އިސްލާމިކް މިނިސްޓްރީއަށް ދަންނަވާފައިވާނެ ކަމަށާއި އެކަމުގައި މާބޮޑު އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ނިކުމެ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ މިސްކިތްތައް ބަލަހައްޓަން އެމްއާރްޑީސީ އާއި ހަވާލުކުރި ނަމަވެސް ބޭނުންވާ ތަކެތި ހޯދައި ނުދޭތީ މިސްކިތްތައް ނުބެލެހެއްޓޭ ކަމަށެވެ. އަދި މިކަމަށް ސަރުކާރުން ހަރުދަނާ ނިންމުންތައް ނުނިންމާތީ އާއްމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އައްޑޫގެ މިސްކިތްތައް ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި ދުވަސްވަރު މިސްކިތްތައް ރޯދައަށް ކުލަލައި އާބާތުރަ ފިލުވައެވެ.