ރިހި ކުލައިގެ ފަށެއް ވަގަށް ނެގުމުގައި ބައިވެރިވި މީހަކު އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ 14، 2016 ގައި ހިތަދޫ "ބައިރޯ" ފިހާރައިން ރިހިކުލައިގެ ފަށެއް ވަގަށް ނެގުމުގައި ބައިވެރިވިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ، މަރަދޫ އާސްމާންވިލާ، ޢަބްދުﷲ ޖަމީލެވެ.
މެއި މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ މަރަދޫ ފަތިހަށްފޮޅޭމާގެ، އަލީ ނިމާލް ހިތަދޫ "ބައިރޯ" ފިހާރައަށް ގޮސް އެ ފިހާރައިން ފަށެއް ނެގި އިރު އެ ވައްކަމުގައި ބައިވެރިވެފައިވާ ކަމަށް އަބްދުﷲ ޖަމީލް ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފްވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި "ބައިރޯ" ފިހާރައިން ވައްކަން ކުރި މައްސަލައިގައި މަރަދޫ ފަތިހަށްފޮޅޭމާގެ، އަލީ ނިމާލްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.