ކުރިއަށް އޮތް ރޯދަ މަހަށް އެސްޓިއޯ އިން އައްޑު އަށް ގެނައި ކާބޯތަކެތި ކުއްތާ ބޭނުންކޮށްގެން ޗެކްކޮށްފި އެވެ.
ކުއްތާ ބޭނުން ކޮށްގެން ފުލުހުން ޗެކްކޮށްފައި ވަނީ ރޯދަ އަށް އެސްޓިއޯ އިން ގެނައި ފިޔާ، އަލުވި އަދި ބިސް ޝިޕްމެންޓެވެ.
ހިތަދޫ ސަރަހައްދީ ބަނދަރުން ވާހަކަ ދެއްކި މީހަކު ބުނީ އެސްޓިއޯ އިން ޗާޓަރުކޮށްގެން ގެނައި ކާގޯ ބޯޓުން މުދާ ބޭލުމުގެ ކުރިން ވެސް ފުލުހުން ކުއްތާ ތަކާއި އެކު ބޯޓަށް އެރި ކަމަށެވެ.
އަދި ބޯޓުން ބާލާފައި ހުރި މުދާތަކުގެ މައްޗަށް ކުއްތާ އަރުވައިގެން ޗެކްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށާއި އެ އޮޕަރެޝަންގެ ތެރެއިން ފުލުހުން ބައެއް ތަންތަން ޗެކް ކުރަމުން އަންނަ ކަމަށެވެ.
ހިތަދޫ ބަނދަރުގައި އޮތް ބޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެކަމަށް ފުލުހުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އެސްޓީއޯ މުދާ ހިފައިގެން އައި ބޯޓު ކުއްތާ ބޭނުންކޮށްގެން ބަލަމުން އަންނަ އިރު މި އަހަރު ފެބްރުއަރީ މަހު ފުލުހުން ބުނެފައި ވަނީ ހިތަދޫ ސަރަހައްދީ ބަނދަރާއި ގަމުގެ ވައިގެ ބަނދަރުގައި ކުއްތާ ބޭނުންކޮށްގެން ޗެކް ކުރޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
މީގެ ކުރިންވެސް އިންޑިއާއިން ހިތަދޫއަށް އައި ބޯޓަކަށް ކުއްތާ އަރުވައިގެން ވަނީ ޗެކްކޮށްފަ އެވެ.
އެ ފަހަރު ޗެކް ކުރުމަށް ފަހު ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންގެ މޮބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން މަސް ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ އެވެ.