މިދިޔަ އަހަރުގެ މާޗް މަހު އަނިޔާވެރި ގޮތަކަށް މަރާލައި ހިތަދޫ އަލައޮޅެއްގެ ތެރެއަށް އެއްލާލައިފައި އޮއްވައި ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ މަރާލި މަރުގެ މައްސަލައިގައި މިއަދު ބާއްވަން ތާވަލު ކުރި ޝަރީޢަތް ކެންސަލްކޮށްފި އެވެ.
މިއަދުގެ ޝަރީޢަތް ތާވަލްކޮށްފައި އޮތީ ހެނދުނު 10:00 އަށެވެ. މި އަޑު އެހުން ކެންސަލް ކުރި ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ، އަލީ އަބްދުﷲ މަރާލި މައްސަލައިގައި ހިތަދޫ، އަތަމާވިލާ މަޢޫޒު މުހައްމަދާއި ހިތަދޫ، އައްޒާ މުބާރިކު މުހައްމަދުގެ މައްޗަށް ދައުލަތުން ކުރާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އަޑު އެހުމެކެވެ.
އަލީ އަބްދުﷲ މަރާލި މައްސަލަ އާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.
އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ، ސ.ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި އެ ރަށު އައްޒާ، މުބާރިކު މުހައްމަދާއި ނަޝީދީގޭ، މުހައްމަދު ޝިފާޒެވެ.
އަލީ އަބްދުﷲ މަރާލި މައްސަލާގައި އޭނާއަށް ބޮޑުބޭބެ ކިޔާ، ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީގެ މައްޗަށް ދައުވާ ކުރެއެވެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ ސިއްރުކޮށްފައިވާއިރު މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެއްކަން ފާހަގަކޮށްލެވެއެވެ.