ރާއްޖެ އަށް ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ ބިދޭސީ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ބަންގްލަދޭޝްގެ މުހައްމަދު މޮކްލަސް ނަމަކަށް ކިޔާ މީހަކާއި ދެކޮޅަށެވެ. އުމުރަށް ޖަލަށް ލުމުގެ އިތުރުން ގާޒީ ވަނީ މޮކްލަސް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ރާއްޖެއަށް އައިއިރު ލަގެޖުގައި 762 ގުރާމުގެ ކެނެބިސް ކަސްޓަމުން ވަނީ ފޮރުވާފައި ހުއްޓާ އަތުލައިގެންފައެވެ. ގާޒީ ހުކުމް އިއްވަމުން ހެކިންގެ ހެކިބަހުން އޭނާގެ ފޮށިން މަސްތުވާތަކެތި ފެނިފައިވާކަން ސާބިތުވާ ކަމަށާއި އެހެންކަމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަން އޭނާގެ މައްޗަށް ސާބިތުވާކަމަށެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަކީ އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާގެ އިތުރުން އުމުރަށް ޖަލަށް ލެވޭ ވަރުގެ ކުށެކެވެ. މީގެކުރިންވެސް ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެން، އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.