Last Updated: April 23, 16:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

ސެލީނާ އަށް އަނެއްކާ ވެސް އެއްމާބަނޑު ދެ ކުދިން

މިހާރު ވެސް އެއްމާބަނޑު ދެ ފިރިހެން ކުދިން ތިބި ބޮލީވުޑްގެ ކުރީގެ ބަތަލާ ސެލީނާ ޖެއިޓްލީ އަނެއްކާ ވެސް އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިނދެފި އެވެ.

ދުބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕީޓާ ހާގްއާ ކައިވެނިކޮށް އެ ގައުމުގައި މިހާރު ދިރިއުޅޭ ސެލީނާ އަށް ފުރަތަމަ ލިބުނު އެއްމާބަނޑު ދެ ކުދިންގެ އުމުރަކީ މިހާރު ވެސް ފަސް އަހަރެވެ. އެއީ ވިރާޖާއި ވިސްޓަން އެވެ.

ސެލީނާ ބުނީ އަލުން ބަލިވެއިންކަން އެނގިގެން ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދި އިރު، މި ފަހަރު ވެސް ލިބެނީ އެއްމާބަނޑު ދެ ކުދިން ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

އެކަމަކު ކުދިންގެ ޖިންސެއް ހާމައެއް ނުކުރެ އެވެ.

"ޑޮކްޓަރަށް ދައްކަން ގޮސްފައި ޕީޓާ ވެސް ބުނީ އަނެއްކާ ވެސް ކިހިނެއް ވާނެބާއޭ ޓްވިންސް ލިބިއްޖެއްޔާ. ދެން ޑޮކްޓަރު ޓެސްޓް ހަދާފައި ބުނީ އުފާވެރި ހަބަރެކޭ ދޭން އޮތީ. އަނެއްކާ ވެސް ހަމަ އެއްމާބަނޑު ދެ ކުދިންނޭ ލިބެނީ،" ނޯ އެންޓްރީ އާއި އަޕްނާ ސަޕްނާ މަނީ މަނީ ފަދަ ފިލްމްތައް ކުޅެފައިވާ ސެލީނާ، 35، ބުންޏެވެ.

އޭނާ އަދި ބުނީ އެއްމާބަނޑު ދެ ކުދިން ދެވަނަ ފަހަރަށް ވެސް ލިބޭތީ ފުރަތަމަ ގަބޫލު ކުރަން ދަތިވި ކަމަށާއި އެއީ "ޝޮކެއް" ކަމަށެވެ.

ސެލީނާ ބުނީ ދެ ފަހަރަށް ވެސް އެއްމާބަނޑު ދެ ކުދިން ލިބުމަކީ ކަލާންގެ އެ މީހުންނަށް ދެއްވި ވަރަށް ހެޔޮ ނިއުމަތެއް ކަމަށެވެ.