Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޔޫރޮޕާ ލީގް ކާމިޔާބުކޮށް ޔުނައިޓެޑުން ޓްރޮފީ ކެބިނެޓް ފުރިހަމަކޮށްފި

ޔުއެފާ ޔޫރޮޕާ ލީގް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބު ނުކުރެވި ބާކީ އޮތް ހަމައެކަނި ޓްރޮފީ ކާމިޔާބުކޮށް ކެބިނެޓު ފުރިހަމަކޮށްފި އެވެ.

ރޭ ސްވިޑެންގެ ސްޓޮކްހޯމްގައި ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލުގައި ހޮލެންޑުގެ އަޔަކްސް 0-2 އިން ބަލިކޮށް ޔުނައިޓެޑު ވަނީ މިސީޒަނުގެ ތިންވަނަ ތަށި ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގާދިނީ ޕޮގްބާއެވެ. އޭރިޔާ ބޭރުން ޕޮގްބާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ގޮސްފައިވަނީ އަޔަކްސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައެވެ.

ފުރަތަމަ ހާފު 0-1 ގެ ލީޑަކުން ޔުނައިޓެޑު ކުރީގައި އޮވެ ނިންމާލާފައިވާއިރު ޓީމު ވަނީ ގިނަ ވަގުތު ފަހަތަށް ފައިބައިގެން އަޔަކްސްއަށް މެދު ހާފުގައި ކުޅުމަށް ފުރުސަތު ދީފައެވެ. ނަމަވެސް ޔުނައިޓެޑުގެ ޑިފެންސް ލައިނަށް އެހާބޮޑު ނުރައްކަލެއް އަޔަކްސް ޓީމަކަށް ކުރިމަތި ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ޔުނައިޓެޑުން ނެގި ކޯނަރެއް ސްމޯލިންގް ބޮލުން ފޮނުވާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލާފައިވަނީ ހުށިޔާރުކަމާއެކު މިޚިތަރިޔާން ފައިން ފޮނުވާލި ބޯޅައެކެވެ.

ޔުނައިޓެޑުގެ ލީޑު ފުޅާކުރުމަށްފަހު އަޔަކްސް އިން މެޗުގެ ނަތީޖާ އަށް ބަދަލެއް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔުނައިޓެޑުގެ ޑިފެންޑަރުންގެ ހުށިޔާރުކަމުން ކީޕަރު ރޮމެރޯއަށް ހާސްކަމެއް ކުރިމަތި ނުކުރެވުނެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ 45 ވަނަ ޓްރޮފީއާއެކު ކުލަބުގެ ޓްރޮފީ ކެބިނެޓު ފުރިހަމަވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ވަނީ ކަށަވަރުވެފައެވެ. ޔުނައިޓެޑުގެ މެނޭޖަރު ކަމާއި މޮރީނިއޯ ހަވާލުވި ފުރަތަމަ ސީޒަނުގައި ކާމިޔާބުކުރެވެން އޮތް 5 ތަށީގެ ތެރެއިން 3 ތަށި އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މޮރީނިއޯގެ މިކާމިޔާބީއަށް ގިނަ ބަޔަކު ދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ.