Last Updated: April 23, 21:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޗަންކީގެ ދަރިފުޅު ބޮލީވުޑަށް ލޯންޗް ކުރާނީ ސަލްމާން

ހިންދީ ފިލްމުތަކުގައި މި ފަހަކަށް އައިސް ކޮމެޑީ ރޯލްތައް ކުޅެމުން އަންނަ އެކްޓަރު ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ ބޮލީވުޑަށް ލޯންޗް ކުރަން ސަލްމާން ހާން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެހެން ނަމަވެސް އެއީ ކޮން ފިލްމަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އަނަންޔާ ބޮލީވުޑަށް ނިކުންނާނީ ސަލްމާން ޕްރޮޑިއުސް ކުރާ ފިލްމަކުން ކަމަށްވެ އެވެ.

މިކަމާ ބެހޭ ގޮތުން ސަލްމާން ވެސް އަދި ޗަންކީ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަނަންޔާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑު ބައްޓަން ކުރަމުންނެވެ.

ސަލްމާނަކީ މީގެ ކުރިން ވެސް ބޮލީވުޑަށް އެތައް ތަރިންނެއް ތައާރަފުކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ބަތަލާއިންނާއި ބަތަލުން ވެސް ހިމެނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު "ހީރޯ" އިން ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ވެސް ބޮލީވުޑަށް ނެރުނީ ސަލްމާނެވެ.

އޭނާ ބޮލީވުޑަށް ނެރެފައިވާ އިތުރު ބަތަލާއިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ޒަރީން ހާން، ޑެއިޒީ ޝާހް އަދި ސަނާ ހާން ފާހަގަކޮށްލެވެ އެވެ.