Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ފުވައްމުލަކު ސިޓީގެ ބާރުތައް ވެސް ހަނިކޮށްފި

އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލެކޭ އެއްފަދައިން ފުވައްމުލަކު ކައުންސިލުގެ ބާރުތައް ރައީސުލް ޖުމުހޫރިއްޔާ މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ހަނިކޮށްފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމީން ފުވައްމުލަކު ކައުންސިލުގެ ބާރުތައް ހަނިކޮށްފައިވަނީ ވަޒީރުންގެ ލަފާގެ މަތިންނެވެ.

މާލޭ ސިޓީއާއި އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވާ ވަރަށް ގިނަ ބާރުތަކެއް ވަނީ ހައުސިންގ މިނިސްޓްރީއަށް ދީފައެވެ. އެގޮތުން މަގު ސާފުކުރުމާއި މަގު ހެދުމާއި ފެރީ ޓާމިނަލްތަކުގެ ޚިދުމަތާއި ޕެސްޓް ކޮންޓްރޯލް ކުރުމާއި މަގުމަތީގެ ފެން ހިންދުމުގެ ބާރުތައް ވަނީ ކައުންސިލްތަކުން ނަގާފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ކައުންސިލުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އަރާނެ ފަދަ ކަމެއް މިނިންމުމުގެ ސަބަބުން ނުވާނެ ކަމަށެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލުތަކުން ސަރުކާރު ކޯލިޝަނަށް ލިބުނީ އެންމެ ގޮނޑިއެކެވެ.