Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

އައިއެސް އަށް ދިން ހަމަލާއެއްގައި އާންމުންގެ 105 މަރު

އެމެރިކާ އިން އިސްލާމިކް ސްޓޭޓްގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތުގެ ދެ ސްނައިޕަރުންނަށް ދިން ހަމަލާއެއްގައި 105 އާންމު ރައްޔިތަކު މަރުވެއްޖެ އެވެ.

އިރާގުގެ މޯސުލްއަށް ދިން މިހަމަލާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައިކަމަށް ބީބީސީ އިން ވަނީ ރިޕޯޓުކޮށްފައެވެ.

ވައިގެ ހަމަލާއެއް ފޮނުވާލާފައިވަނީ އައިއެސްގެ ސްނައިޕަރުން ތިބި އިމާރާތަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެތަން ސުންނާފަތިވިއިރު އާންމުންގެ ގިނަ ބަޔަކު ވަނީ އިމާރާތުގެ ދަށުވެފައެވެ.

އެމެރިކާއިން އިއްޔެ ދިން އެހެން ހަމަލާއެއްގައި 35 އާންމު ރައްޔިތަކުވެސް ވަނީ މަރާލާފައެވެ. އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދިން މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

އެމެރިކާއިން އައިއެސްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކުށެއް ނެތް އާންމު ރައްޔިތުން މަރުވަމުންދާއިރު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެއްވެސް ބަޔަކު އެކަމާމެދު ސަމާލުކަމެއް ނުބަހައްޓާކަން ފާހަގަކޮށްލެވެއެވެ.