Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

މޮނަކޯގެ ބާނާޑޯ ސިލްވާ މެންޗެސްޓާ ސިޓީއާ ގުޅެނީ

ފްރާންސުގެ މޮނަކޯއަށް ކުޅެމުން އަންނަ ޕޯޗުގީޒް ޒުވާން މިޑްފިލްޑަރު، ބާނާޑޯ ސިލްވާ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއާއި ގުޅުމުގެ އެންމެ ފަހުގެ މަރުހަލާއަށް އާދެވިއްޖެ ކަމަށް "ގޯލް" އިން ރިޕޯޓުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މެންޗެސްޓާ އަށް ސިލްވާ އައިސްފައިވާ ކަން ގޯލްގެ އިތުރުން "އީއެސްޕީއެން" އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ގޯލް އިން ބުނާ ގޮތުގައި ސިލްވާ އެއާޕޯޓުން އައިސްފައިވަނީ ސިޓީގެ ޓްރެއިނިންގ ގްރައުންޑަށެވެ. އަދި މިހާރު އޭނާގެ މެޑިކަލްގެ ކަންތައް ސިޓީގެ ޑޮކްޓަރުން ކުރިއަށް ގެންދަމުންދާ ކަމަށްވެސް ގޯލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި ލީގު ނިމުނު ދުވަހު ސިޓީއާއި މޮނަކޯއާ ދެމެދު އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. ނަމަވެސް ސިޓީގެ އެދުމުގެ މަތިން ޑީލު ވަނީ ސިއްރުކޮށްފައެވެ. ބާނާޑޯ ސިލްވާއަކީ މިސީޒަނުގައި މޮނަކޯއަށް އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

މޮނަކޯއަކީ ޒުވާން މޮޅު ކުޅުންތެރިން އަބަދުވެސް އުފައްދާ ޓީމެކެވެ. މިސީޒަނުގައިވެސް މޮނަކޯގެ 18 އަހަރުގެ ކީލިއަން އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި ދެއްކި ކުޅުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައެވެ. އޭނާ ހޯދުމަށް ރެއަލް މެޑްރިޑުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ލިބިފައިވެއެވެ.