Last Updated: May 1, 20:45
Wednesday, May 1, 2024
ސިޔާސީ

އައްޑޫ ކައުންސިލަރުން ހުވާ ކުރުން ޝަރަފުއްދީން ސްކޫލްގައި

އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބާއްވަން ސްކޫލެއްގެ ހޯލް ލިބިފައި ނުވާ ކަމަށް އަޑު އެރި ނަމަވެސް، އެ ރަސްމިއްޔާތު ބާއްވާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހޯލްގައި ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ވެބް ސައިޓްގައި ބުނެފައި ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ޝަރަފުއްދީގައި އޮންނާނީ ތިން ވަނަ ދުވަހުގެ ރޭ 9:45 ގައި ކަމަށެވެ. އެންމެ ފަހުން ވެސް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވި ޝަރަފުއްދީންގަ އެވެ.

އާ ކައުންސިލަރުން ހުވާ ކުރެއްވުމަށް ފަހު ހުވައިގެ އިޤްރާރުގައި ސޮއި ކުރައްވާނެ އެވެ. މި ދަރުބާރަށް ފަހު ބޭއްވޭ ކައުންސިލްގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅުން ހޮވުން އޮންނާނެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރަށް 7 ބޭފުޅަކު ހޮވިވަޑައިގެންނެވި އިރު މިއީ ފުރަތަމަ ފަހަރަށް މި ކައުންސިލަށް އަންހެން ބޭފުޅަކު ހޮވިވަޑައިގެންނެވި ފަހަރެވެ.

މީގެ ކުރިން ކައުންސިލްގައި ތިއްބަވަނީ ހަ ބޭފުޅުންނެވެ.

އެއީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާގެ މެމްބަރުންނެވެ.

ނަމަވެސް މިފަހަރު ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ދެ ކައުންސިލަރުން ވަނީ އިންތިޚާބުވެފަ އެވެ.

ކައުންސިލުން ބުނމީ ހުވާ ކުރުމުގެ ރަސްމިއްޔާތު މީޑިއާތަކަށް މޮނިޓަކޮށް ކަވަރު ކުރެވޭނެ ކަމަށެވެ.

އެހެންޗެ ޖަލްސާގެ ކަންކަން ހިނގަމުންދާ ގޮތް މޮނިޓަ ކުރުމަށް ބޭނުންވާ މީޑިއާތަކުން ކައުންސިލް އިދާރާ އަށް ލިޔުމަކުން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ހޯލުގެ ޖާގަ އޮތް މިންވަރަށް ބަލައި ހުށަހަޅާ ތަރުތީބުން ޖަލްސާގެ ކަންކަން ހިނގަމުންދާ ގޮތް މޮނިޓަ ކުރުމުގެ ހުއްދަ ދޫކުރުމަށް ކައުންންސިލުން ވަނީ ނިންމައިފަ އެވެ.

އެހެންވެ ހުއްދަ އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިންނެވެ.