Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އިމްރާނާއި ނާޒިމް ރޯދަ އަށް ގޭބަންދަށް

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ސިޔާސީ ދެ ލީޑަރުން ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ނާޒިމް ރޯދަ މަސް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސެސްއާއި ހަވާލާދީ "ސަން" އިން ވަނީ ނާޒިމާއި އިމްރާން ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި ދެބޭފުޅުންވެސް ގޭބަންދަށް ބަދަލުކުރީ ރޯދަމަހާއި ދިމާކޮށް ކަން ކަރެކްޝަންސް އިން މައުލޫމާތު ދީފައިވެއެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ދައުވާ އުފުލައި، ކާނަލް ނާޒިމްގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދި ޝެއިޚް އިމްރާންގެ މައްޗަށް އުފުލާފާއިވަނީ އަނިޔާވެރިކަމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށްބުނެ ޓެރަރިޒަމްގެ ދައުވާއެވެ. ދައުލަތުން އިމްރާނާއި ދެކޮޅަށް އުފުލި ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ދެބޭފުޅުންވެސް ވަނީ ގިނަ ދުވަސްތަކެއް ގޭބަންދުގައި ހޭދަކުރައްވާފައެވެ.