Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

އިސްރާފާ ދުރުހެލިވެފައިވާ މުޖުތަމައެއް ބިނާ ކުރަން ބާރު އަޅަން ޖެހޭ

މާތްވެގެންވާ ރަމަޟާން މަހަށް މުސްލިމް އުއްމަތް މަރުހަބާ ކިޔަމުންދާ އިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު ވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ސުފުރާމަތި ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ.

މި އަހަރު ވެސް ތަފާތު އެކި ވައްތަރުގެ ކާނާއިން ރޯދަ ވީއްލުމަށާއި ތަރާވީސް ދަންކުރުމަށް އަދި ހާރު ކެއުމަށް ސުފުރާމަތި ތައްޔާރުކުރާއިރު ކޮންމެ ގެއަކުންވެސް އާއިލާގެ މެމްބަރުންނަށް ވާވަރަށް ސުފުރާމަތި ތައްޔާރުކުރުމަށް ހަނދުމަކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ ލިޔަމެވެ.

ދިވެހި ރާއްޖެއަކީ މިސަރަހައްދުގެ އެހެން ބައެއް ގައުމުތަކާއި އަޅާބަލާއިރު ނިސްބަތުން ކުނި ގިނަ ގައުމަކަށްވެފައި، ރަމަޟާން މަހު ދިވެހިން އުކާލާ ކުނި އިންތިހާއަށް ގިނަވެގެންދެއެވެ. އޭގެތެރެއިންވެސް ގިނަ ކުންޏަކީ ބޭނުންނުކުރެވޭ ވަރަށް ކެއްކުމުގެ ސަބަބުން އުކާލާ ކާއެއްޗިއްސެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ އިސްރާފު ނުކުރުމަށް އަންގަވަމުން އަލް އަޢްރާފް ސޫރަތުގައި ވަޙީކުރައްވާފައިވަނީ: "އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." الاٴعرَاف:[31]

އާއިލާގެ މެމްބަރުން ކައިގެން އިތުރުވާވަރަށް ކާއެއްޗެހި ހެދިފައި ހުރިނަމަ އުކާލުމުގެ ބަދަލުގައި އަވަށްޓެރިންނަށް އެއިން ބައެއް ހަދިޔާކޮށް، ގުޅުން ބަދަހި ކުރުމަކީ މި ރަމަޟާން މަހު އަޅުގަނޑުމެންގެ މުޖުތަމައުގައި ފެންނަ އުފާވެރި މަންޒަރަކަށް ހަދަމާތޯއެވެ؟ ނުވަތަ އަޅުގަނޑުމެންގެ އަވަށްޓެރިންގެ ގޮތުގައި ނިކަމެތި ފަޤީރު އާއިލާއެއް ދިރިއުޅެމުންދާ ކަމަށްވާނަމަ އެއާއިލާއަށްވެސް އަޅުގަނޑުމެން ތައްޔާރުކުރި ކާނާއިން ބައެއް ދިނުން މާ އައުލާކަން ބޮޑުވެގެންވެއެވެ.

ދިވެހި މުޖުތަމައުގައި އެހެން ގައުމުތަކުން ރާއްޖެއަށް މަސައްކަތް ކުރުމަށް އައިސްފައިތިބި ބިދޭސީން ގިނަވެފައިވާއިރު، ރާއްޖެއަށް އަންނަ ގިނައަދަދެއްގެ ބިދޭސީންނަކީ މުސްލިމް ގައުމުތަކުން އަންނަ މުސްލިމުންނެވެ.

ބިދޭސީ މުސްލިމުންވެސް ދިވެހިންނެކޭ އެއްފަދައިން ރަމަޟާން މަހު ރޯދަ ހިފަމުންދާއިރު އަޅުގަނޑުމެންގެ ސުފުރާމަތިން ބާކީވާ ކާއެއްޗެހިތަކުން ބައެއް އެ މުސްލިމު އަޚުންނަށް ހަދިޔާ ކުރުމަކީވެސް މިބަރަކާތްތެރި މައްސަރުގައި ގިނަގުނަ ސަވާބާއި ދަރުމަ ލިބިގެންދާނޭ ކަމެކެވެ.

މިމަތިވެރި މައްސަރުގެ ފުރިހަމަ ސަވާބާއި، މާތް ރަސްކަލާނގެ ރުއްސެވުން ލިބިގަތުމަށް އެކަލާނގެ އެންގެވި މަގުން އިސްރާފު ވީހާވެސް ބޮޑަށް އިސްރާފުކުރުމާއި ދުރުވެފައިވާ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހަދަމާތޯ އެވެ؟

ވަޠަން ސާފުތާހިރުކޮށް ބެހެއްޓުމަށް އެންމެ ރައްޔިތުންގެ އެއްބާރުލުމަކީ ބޭނުންވާ އެއްޗެކެވެ.

މި މަތިވެރި މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބު މާތް ރަސްކަލާނގެ ދިވެހި އުއްމަތަށް ފޯރުކޮށްދެއްވާށި! އާމީން.